ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީއަށް ދަށު ކޯޓުގެ ފަނޑިޔާރަކު ހޮވަން ބާއްވާ އިންތިހާބުގައި އީސީން އެހީވަނީ

ފަތޯނާ ފާއިޒު

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހޮވާ ފަނޑިޔާރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވުމަށް ޑީޖޭއޭއިން ބާއްވާ އިންތިހާބު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުނަގައިފައެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:

  • ކެންޑިޑޭޓު ނަންބަރު 1: އަބްދުއްރައްޒާގު މުހައްމަދު، ދިލްބަހާރުގެ، ގދ.ފިޔޯރީ
  • ކެންޑިޑޭޓު ނަންބަރު 2: އަހުމަދު ހައިލަމް، އޯޝަން ލީޑު، ސ.ހިތަދޫ
  • ކެންޑިޑޭޓު ނަންބަރު 3: އަލީ ޝަރީފު، އީރާފު، ލ.ކަލައިދޫ

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވަން އިންތިހާބު ބޭއްވުމަށް ޑީޖޭއޭ އިން ނިންމީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވާ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާތީއެވެ.

ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމުން، އެ މަގާމަށް ވެސް އާ މެމްބަރަކު ދާދިފަހުން ވަނީ އިންތިޚާބުކޮށްފައެވެ. އެ މަގާމަށް ހޮވުނީ ވަކީލް އަބްދުލްމާނިއު ހުސައިނެވެ.

މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މިއަހަރު ހަމަވާނެއެވެ. އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފައެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.