މޫސުމް

މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މަރިޔަމް ޝަހުދާ

މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 15:00 އިން 19:00 އަށެވެ. އެގޮތުން މިވަގުތު ތަކުގައި މި ސަރަހައްދަށް އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.

ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރެޑް އެލާޓް ނެރުމާއެކު އެ ސަރަހައްދަކުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ޖެހެއެވެ. އަދި ރެޑް އެލާޓް ނެރެފައި އޮއްވައި ކަނޑު ދަތުރު ކުރުމަކީ މަނާ ކަމެކެވެ. ގްރީން އެލާޓަކީ މޫސުން ރަނގަޅުވުމުން ކުރިން ނެރުނު އެހެން އެލާޓްތައް ކެންސަލް ކުރަން ނެރޭ އެލާޓެކެވެ.