ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ޗައިނާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޓީޗަރުންނާއި ދަރިވަރުންނަށް ފަންނީގޮތުންނާއި ތައުލީމީގޮތުން ތަޖުރިބާ އިތުރުކުރުމަށް ޗައިނާއަށް ދަތުރުކުރުމުގެ ފުރުސަތު ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ، މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ގިނަ ދާއިރާތަކަކުން ރާއްޖެއާ ވަރަށް ގާތްގުޅުމެއް އޮންނަ އެކުވެރި ގައުމެއްކަން ފާހަގަކުރެއްވި ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ޗައިނާއަކީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކޮށްލެވުމުގައި އަޒީމާ ދެއްކެވި ވާހަކައިގައި ޗައިނާއިން މިހާރުވެސް ރާއްޖޭގެ އެކި މުއައްސަސާތަކާ ގުޅިގެން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެނޫން އެހެންދާއިރާތަކުން ފުރުސަތުތައް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އަޒީމާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އަޒީމާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަސައްކަތްކުރެއްވުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.