އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫސް "އަވަސް" އިން އަލަށް ފަށައިގެން ކުރިޔަށް ގެންދާ "އަވަސް ހުކުރު" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން އެެއް އުރައެއްގައި ދެ ކަނޑިއަށް ނޯވެވެވޭނެ ކަމަށާއި އެހެން ކަމުން އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވަރަށް އަވަހަށް ރޫޅޭނެ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނިހާނު ވިދާޅުވީ ދެ ކަނޑި ކަމަށް އޭނާ މާނަ ކުރެއްވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށެވެ.
"އެއްވެސް ގައުމެއްގައި ދެ ރައީސުންނަކަށް ވެރިކަމެއް ނުކުރެއްވޭނެ. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ދުވަހު ކަންކަން ވީ ގޮތް. ބައެއް ފަހަރު ހީވޭ އިންތިޚާބީ ރައީސަކީ ރައީސް ނަޝީދުހެން ވެސް. އަނެއްކާ ނަޝީދު ވިދާޅުވި ދެއްތޯ މުގުލަކީ އިބޫއޭ! އޭގެ މާނަ އަކީ އަބަދުވެސް ދަމާނީ ރައީސް ނަޝީދޭ އިބޫ ހުންނަވަން ޖެހިވަޑައިގަންނަވާނީ މުގުލުގައޭ." ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޕީޕީއެމް ވެރިކަމަށް އައިސްގެން ވެސް އެތެރެއިން ރޫޅެން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ރައީސް މައުމޫން ސަރުކާރު ހިންގަވާން ޖެހޭ އުސޫލުން ކަންކަން ކުރާން ޖެހުން ކަމަށެވެ.
"އެންމެ ކުޑަމިނުން ކެބިނެޓަށް ވެސް ބޭފުޅުން އައްޔަން ކުރައްވަން މި ޖެހިވަޑައިގަންނަވަނީ ރައީސް މައުމޫނުގެ ހުއްދައާ އެކު. ނުވަތަ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން އައްޔަން ކުރައްވަން މިޖެހިވަޑައިގަންނަވަނީ. އެހެނެއް ސަރުކާރެއް ނުހިންގޭނެ." ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކޯލިޝަން ތެރޭގައި މިހާރު ވެސް ހުން އެބަ ހުރި ކަމަށާއި ކުރީން ހެދި މިސްޓޭކް ދެން ނުހައްދަވާނެ ކަމަށް ކޮންމެ ލީޑަރަކު އިރުއިރުކޮޅާ އެވިދާޅުވަނީ އެހެންވެގެން ކަމަށެވެ.
ނިހާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިއްތިހާދު ސަރުކާރު ވެސް ރޫޅުމުގެ އަސްލަކަށް ވާނީ ވެރިކަމުގެ ތެރޭގައި ރައީސުން ގިނަވުން ކަމަށެވެ. އެ ގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫނުގެ އިތުރުން ގާސިމް އިބްރާހީމް އަކީ ވެސް އެފަދަ ބޭފުޅުން ކަމަށް ނިހާންގެ ވާހަކައިގައި ސިފަކުރެއްވި އެވެ.