ނ. މާފަރުގައި ގާއިމްކުރާ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ މަހު ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން އެއާޕޯޓް ތަކާބެހޭގޮތުން ބައެއް މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާފަރު އެއާޕޯޓުގެ މަސައްކަތް ދޭތެރެއަކުން މަޑުޖެހިގެން ދިޔަ ކަމަށެވެ.
ނަމަވެސް ސަރުކާރު ބަދަލުވުމާ ގުޅިގެން އެ މަސައްކަތް އަލުން ފެށި ހަލުވިކަމާއެކު ކުރިއަށްދިޔަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ އެއާޕޯޓުގެ މަސައްކަތް މިހާރު އެއްކޮށް ނިމި ޗެކްލިސްޓްގައި ބައެއް ކަންކަން ހުރުމުން މަޑުކޮށްލައިގެން ތިބީ ކަމަށެވެ.
ދުނިޔޭގެ އެންމެބޮޑެތި މަތިންދާބޯޓުތައް ޖެއްސޭގޮތަށް، ހަދާ ނ. މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުން ހިލޭ އެހީގެގޮތުގައި 60 މިލިއަން ޑޮލަރުން ހަރަދު ކޮށްގެން ހަދާ ތަނެކެވެ. އެންމެ ބޮޑެތި ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު މި އެއާޕޯޓަށް ޖެއްސޭނެ ކަމަށް ކުރިން ވަނީ ބުނެފައެވެ.
މިނިސްތަރު ނަހުލާ މިއަދު ވިދާޅުވީ، ގދ. ގައި ތަރައްގީ ކުރާ މާވަރުލު އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިންމައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތް މިއަހަރު ނިންމައި ނުލެވިއްޖެނަމަ އަންނަ އަހަރު ކުރީ ކޮޅަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.