ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ޕާކިން ފަސް ޒޯނެއް ވަނީ ކަނޑައެޅިފަ، އިސްޓިކާ ޖަހަނީ، ރައްޔިތުންނަށް ދަތިވާގޮތަށް ޕާކު ކުރީމަ: ނަހުލާ

އިބްރާހިމް ޒަކީ

ތޮއްޖެހިފައިވާ މާލޭގެ މަގުތަކަށް ފަސޭހަ ބަދަލުތަކެއް ގެނައުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، އެގޮތުން އެއްގަމު އުޅަނދު ޕާކު ކުރުމަށް، އަވަސް ހައްލެއް ހޯދުމަށް މާލޭގެ އެކި ހިސާބު ތަކުގައި ޕާކުކުރާނެ ސަރަހައްދުތަކެއް ގާއިމް ކޮށްފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެއްގަމު އުޅަނދު ފަހަރު މާލޭގައި ޕާކު ކުރުމާއި، ބެހޭގޮތުންނާއި އުޅަނދު ފަހަރުގައި އިސްޓިކާ ޖެހުމާ ބެހޭގޮތުން، ކާށީދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިހާތަނަށް މާލެއިން ޕާކިން ޒޯނުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނަކީ، މަޖީދިއްޔާސްކޫލް ކުރިމައްޗާއި، ފިނޭންސް މިނިސްޓްރީ ކައިރީގައި އޮންނަ ޕާކިންޒޯން އާއި ވެލާނާގެ ކައިރީގައި އޮންނަ ޕާކިންޒޯން އާއި އެމްއެމްއޭ ކައިރި އަދި މާފަންނު ސަހަރާ ކައިރީގައި އޮތް ޕާކިން ޒޯން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުން އުޅަނދު ފަހަރުގައި އިސްޓިކާ ޖަހަމުން ގެންދަނީ ގަވައިދާ ހިލާފަށް ރައްޔިތުންނަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަަ އުޅަނދު ފަހަރުގައި ކަމަށެވެ.

އެގޮތުން މިހާރު އިސްޓިކާ ޖަހަމުން ގެންދަނީ، މިސްކިތްތަކަށް ވަދެ ނިކުތުމަށް ދަތިވާގޮތަށް ބަހައްޓާ އުޅަނދު ފަހަރާއި، ކަފިހުރަސް ނުވަތަ ދުވާރުމަތީގައި ބަހައްޓާފައިހުންނަ އުޅަނދު ފަހަރާއި، މަގު ނުވަތަ ގޯޅިކަންމަތީގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރާއި، ސްކޫލްތަކަށް އަންނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިވާގޮތަށް އެސަރަހައްދު ތަކުގައި ބަހައްޓާފައިހުންނަ އުޅަނދު ފަހަރުގެ އިތުރުން، ހޮސްޕިޓަލުތަކަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދު ފަހަރާއި، ބޭންކުތަކަށް ވަދެ ނުކުތުމަށް ދަތިވާގޮތަށް ހުންނަ އުޅަނދު ފަހަރާއި، ބޮޑު ތަކުރުފާނު މަގުގެ ތާރު އަޅާފައިހުންނަ ސަރަހައްދުގައި ޕާކު ކޮށްފައި ހުންނަ އުޅަނދު ފަހަރާއި، ފުލުހުން ކޯނު ނުވަތަ ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދު ފަހަރާއި، ޑަބަލް ލައިން ދަމާފައި ހުންނަ ތަންތަނުގައި ބަހައްޓާ އުޅަނދު ފަހަރުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ، އެއާޕޯޓުގައި މަސައްކަތްކުރާ، ފަރާތްތަކަށް ޕާކުކުރާނެ ތަންތަން، އެއާޕޯޓުގައި ހަމަޖެއްސުމުން، ބޮޑު ތަކުރުފާނު މަގުގައި، ޕާކުކުރުން މަދުވެގެން ގޮސްފައިވާ ކަމަށެވެ.

އެއާޕޯޓު ދެ ސަރަހައްދެއްގައި، މޮޓޯ ސައިކަލް ޕާކު ކުރުމަށް 1692 ޖާގަ ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް 47 ޖާގަ ޕާކުކުރުމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.