ކ. ހިއްމަފުށި

މެރިން އިކުއިޕްމަންޓުން ހިންމަފުށީ ކައުންސިލަށް ލޯންޗެއް ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ. އަތޮޅު ހިންމަފުށީ ކައުންސިލަށް ލޯންޗެއް ހަދިޔާ ކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު މެރިން އިކުއިޕްމަންޓްސް އިން ހިންމަފުށީ ކައުންސިލަށް ހަދިޔާކޮށްފައިވަނީ ގަލްފް ކްރާފްޓްގެ ޓުވަރިންގ 38 މޮޑަލްގެ ލޯންޗެއް ކަމަށް މެރިން އިކުއިޕްމެންޓުން ބުނެ އެވެ.

ލޯންޗް ހަވާލުކޮށްފައިވަނީ އިންޖީން އާއި ސަލާމަތީ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް އާއެވެ. މި ހަދިޔާކުރި ލޯންޗުގެ ސަބަބުން ކައުންސިލްގެ ހިންގުމަށް ކުރިއެރުން ލިބި ރަށުގެ ރައްޔިތުންނަށް މަންފާކުރާނެ ކަމަށް އުންމީދުކުރާކަމަށް މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އިން ބުންޏެވެ.

މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަނޑުއުޅަނދު ތަކުގައި ބޭނުންކުރާ މެރިން އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.

މީގެ އިތުރުން ކ. ހިންމަފުށީ ސިނާއީ ސަރަހައްދުގައި ބޯޓް ޔާޑެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމުގައިވެސް މެރިން އިކުއިޕްމަންޓްސް އިން ބުންޏެވެ. އަދި އެ ސަރަހައްދުގައި ލޯންޗް ބަނުމުގެ އިތުރުން ލޯންޗް އަދި ދޯނިފަހަރު އެހެލާ މަރާމާތު ކުރުމާއި ސާވިސް ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލޯންޗަކީ އެރަށުގެ ބޯޓްޔާޑް ހިންގުމަށް އެރަށުން ކުއްޔަށް ނަގާފައިވާ ބިމުގެ އެއްބަސްވުމުގެ ދަށުން ސީ.އެސް.އާރ (ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ) ގެ ގޮތުގައި މެރިން އިކުއިޕްމަންޓްސް އިން ކައުންސިލަށް ހަދިޔާކޮށްފައިވާ ލޯންޗެކެވެ.

އަދި މުސްތަގުބަލުގައިވެސް ކ. ހިންމަފުށީ ރައްޔިތުންނަށް މަންފާހުރި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާަކަމަށް މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އިން ބުންޏެވެ