ޚަބަރު

ނޮވެންބަރު ތިނެއްގެ ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ނޮވެންބަރު ތިނެއްގެ ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު 06:00 ގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ ދިދަޕާޓީގައި ހިމެނޭ ސިފައިން ދިދަ ޖަހައި ގާޑް މައުންޓްކޮށްފައި ވާއިރު، ދިދަ ޖަހައި ގާޑް މައުންޓް ކުރުމަށް ފަހު ވަނީ ހަތް ބަޑީގެ ސަލާމެއް އަރުވާފައެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދު އެވެ. ދިދަ ޕާޓީގެ ކޮމާންޑަރަކަށް ހުންނެވީ ކެޕްޓަން އިބްރާހިމް ޒަމީރު އެވެ. ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި ފަތިސް ނަމާދަށް ފަހުއެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދީނާއި ދިވެހި ގައުމަށް ޓަކައި ޖާނުދެއްވި މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހެވެ. ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖައްސައިފައި ވަނީ މިރޭ 8:30 ގައި ކަޅުތުއްކަލާކޮށީގައެވެ. ނަސްރުގެ ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1989 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.