އިބްރާހިމް ޒަކީ
މާލޭގައި އުޅަނދު ފަހަރު ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މޮޓޯ ސައިކަލް ޕާކު ކުރުމަށް އެއްހާހާއި ފަނަރަސަތޭކައާ ދެމެދުގެ ޖާގަ އަދި، ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ސަތޭކަ ޖާގަ މާލޭގައި ހަމަޖެހިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މާޅޭގެ މަގުތަކުގައި އުލަނދު ފަހަރު ޕާކު ކުރުުގެ ޖާގަ ނެތުމާއި އުޅަނދު ފަހަރުގައި އިސްޓިކާ ޖަހާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ޕާކިން މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި ޕާކިން ބިލްޑިންގް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ތިން ބިލްޑިންގަކަށް މިއަހަރު ބަޖެޓް ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ތިން ބިލްޑިންގުގައި ޕާކު ކުރެވޭނީ ކިތައް ވެހިކަލްކަން އެނގިގެންދާނީ ބިލްޑިންގުގެ ޑިޒައިންގެ މަސައްކަތްތައް ނިމުމުން ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ގާއިމްކުރި، މެކޭނިކަލް ޕާކިން ސިސްޓަމްތަކާބެހޭގޮތުން، މިނިސްޓަރު ވިދާޅުވީ، އެތަކެތި ހުރީ ރައްޔިތުންނަށް ފައިދާވާގޮތަށް ނޫން ކަމަށެވެ. އަދި އެއީ ގެއްލިގެންދިޔަ ފައިސާތަކެއް ކަމަށާއި، އެތަންތަން މިހާރު ހުރީ ބާ ދަގަނޑަށްވެފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ، ޕާކިން ސަހަރައްދުތައް ކަނޑައެޅުމުގައި ޖާގައިގެ ދަތިކަންވެސް އެކަމުގެ ސަބަބުން ދިމާވެފައިވާ ކަމަށާއި، ސަރުކާރުން ބޮޑެތި ހަރަދުތައް ކޮށްގެން މިހާރު މިޖެހެނީ އެތަކެތި ނަގަން ކަމަށެވެ.