ޚަބަރު

ދިހަ އަހަރަށްފަހު ހަމީދު ވީޓީވީ އިން ވަކިވެއްޖެ

ދިހަ އަހަރުގެ މުއްދަތަކަށް ހިދުމަތްކުރުމަށްފަހު މަޝްހޫރު ޕްރެޒެންޓަރު އަހްމަދު ހަމީދު އާދަމް ވީޓީވީ އިން ވަކިވެއްޖެއެވެ.

އޯގަސްޓް 5، 2009ގައި ވީޓީވީގައި މަސައްކަތްކުރަން ފެށި ހަމީދު، އެ ޓީވީ ޗެނަލްއާ ވަކިވި ސަބަބެއް އަދި މިހާތަނަށް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެމުން ހަމީދު ބުނީ ވީޓީވީއާ ދުރަށް ދިޔަ ނަމަވެސް ނޫސްވެރިކަން ހުއްޓާ ނުލާނެ ކަމަށާއި ވީޓީވީ އިން ވަކިވީ އެހެން ތަނަކުން ބޮޑު ހުށަހެޅުމެއް ލިބިގެން ނޫން ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ޓީވީ ޗެނަލަކުން ފެނުން ދުރުކަން ވެސް އޭނާ ފާހަގަކުރިއެވެ.

ހަމީދަކީ ފާއިތުވެދިޔަ އަހަރުތަކުގައި ވީޓީވީގެ އެންމެ އާންމު މޫނެވެ. ވީޓީވީގެ އެތައް ޕްރޮގްރާމުތަކެއް ހުށަހަޅައިދިނުމުގެ އިތުރުން ހަބަރުތައް ގެނެސްދިނުމުގައި ވެސް ހަމީދު ވަނީ ފެނިގެންގޮސްފައެވެ. ހާއްސަކޮށް ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ވީޓީވީގެ "މެހެމާންސާރާ" ޕްރޮގްރާމަކީ ހަމީދުގެ ހާއްސަ ޕްރޮގްރާމެކެވެ.