ފުލުހަކަށް އަނިޔާކުރި މައްސަލައެއްގައި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު މެންދުރު 2:00 ހާއިރު، މާލޭގެ ކެނެރީމަގުގައި ވަންވޭއާ އިދިކޮޅަށް ސައިކަލުގައި ދިޔަ ބަޔަކު ހުއްޓުވަން އެވަގުތު އެމަގުގައި އާންމު ހެދުމުގައި ހުރި ފުލުހަކު މަސައްކަތް ކުރި ކަމަށެވެ. އަދި ސައިކަލުގައި ތިބި ދެ މީހުން، ފުލުސް އޮފިސަރަށް އަނިޔާދީ މާރާމާރީ ހިންގި ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި މިއަދު 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.