ޚަބަރު

ސުޝްމާއަކީ އާވެފައިވާ ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ މުހިންމު މޭސްތިރިއެއް: މިނިސްޓަރު ޝާހިދު

ފަތޯނާ ފާއިޒު

އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖަކީ އާވެފައިވާ ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ މުހިންމު މޭސްތިރިއެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސުޝްމާ ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައި އަވަހާރަވެފައެވެ.

އެކަމަނާގެ އާއިލާ އަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާތް އެކުވެރިއެއް ކަމަށްވާ ސުޝްމާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި އެކަމަނާއަކީ އިހްތިރާމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ނަމޫނާ ކަނބަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސުޝްމާ އަކީ ވަރަށް ހިތްހެޔޮ ކަނބަލެއް. ރާއްޖެއާ އިންޑިއާއާ ދެމެދު މިހާރު އޮތް ހަރުދަނާ ގުޅުން ގާއިމް ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ކަނބަލެއް" ސުޝްމާއަށް ހެޔޮ ދުއާ ކުރައްވާ ޝާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި، ސުޝްމާ އަވަހާރަވީ މިއަދު ހަވީރު ހާޓް އެޓޭކެއް ޖެހިވަޑައިގެން ނިއު ދެލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނިމިދިޔަ ސަރުކާރުގައި މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވި ސުޝްމާ ވަނީ އެއިމްސްއިން އޭޕްރިލް 2016 ގައި ކިޑްނީ ޓްރާންސްޕުލާންޓެއް ހައްދަވައިފައެވެ. އެކަމުގެ އާލާސްކަންފުޅާ ގުޅިގެން މިއަހަރު ބޭއްވި އާންމު އިންތިހާބުގައި ވެސް އެކަމަނާ ވާދަ ކުރައްވައިފައެއް ނުވެއެވެ.