ޚަބަރު

ދުވާ ޓްރެކް ހަދަން އާސަންދައިން ހަރަދެއް ކުރި ކަމެއް ނޭނގެ: މުއިއްޒު

ފަތޯނާ ފާއިޒު

މާލޭގެ ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ދުވާ ޓްރެކް ހަދަން އާސަންދަ ކުންފުނިން އެއްވެސް ހަރަދެއް ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީއަށް މިއަދު ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން އިބްރާހިމް ރަޝީދު ވަނީ އާސަންދަ ކުންފުންޏަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ނުވާއިރު ކުންފުނިން ކޮށްގެން ނުވާނެ ހަރަދުތަކެއް ވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ރަސްފަންނުގައި ހެދި ދުވާ ޓްރެކަށް އާސަންދައިން 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން މުއިއްޒު "ވަން އޮންލައިން"އަށް ވިދާޅުވީ، ޖޮގިން ޓްރެކްގެ މަޝްރޫއުއަށް ހަރަދު ކުރިވަރު އޭރު އޮތް ހައުސިން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ. އަދި އާސަންދަ ކުންފުނިން އެކަމަށް 9 މިލިއަން ހަރަދު ކުރިކަން އެނގިވަޑައިގަތީ އެ ވާހަކަ ނޫސްތަކުން ފެނިވަޑައިގަތުމުން ކަމަށް ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓަށް ހަރަދު ކުރި ވަރު އެއްވެސް ވަރަކަށް 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހައުސިން މިނިސްޓްރީއަށް އެނގިފައެއް ނޯންނާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ބަޔަކާ ހަވާލުކޮށްގެން ތިން މިލިއަނަށް ވުރެ ބޮޑު ނުވާނެ ގޮތަށް އެ ޓްރެކް ހެދުމަށް އޭރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ކުރީގެ ސަރުކާރުން އެންގި ކަމަށެވެ.

އާސަންދަ ކުންފުނީގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް ރަޝީދު މިއަދު މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުން، ރަސްފަންނާއި އެތަނާ ގުޅުން އޮތް ބިމަކީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫނެވެ. އަދި އެތަނަށް ކުންފުނިން ހަރަދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.