ޚަބަރު

ރަސްފަންނު ދުވާ ޓްރެކް ހަދަން އާސަންދައިން 9.5 މިލިއަން ރުފިޔާ ހަރަދުކުރި!

މާލޭގެ ރަސްފަންނު ސަރަހައްދުގައި އޮންނަ ދުވާ ޓްރެކް ހަދަން އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމެޓީއަށް މިއަދު ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން އިބްރާހިމް ރަޝީދު ވިދާޅުވީ ސީއެސްއާރުގެ ދަށުން ގާނޫނާއި ހިލާފު ބައެއް ކަންކަން ކޮށްފައިވާކަން އެނގެން އެބަ އޮތް ކަމަށެވެ.

އަދި އާސަންދަ ކުންފުންޏަކީ ވިޔަފާރި އުސޫލުން ހިންގާ ތަނަކަށް ނުވާއިރު ކުންފުނިން ކޮށްގެން ނުވާނެ ހަރަދުތަކެއް ވެސް ކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަތައް ތަހުގީގު ކޮށްދިނުމަށް އެދި މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސިޓީއަކުން އަންގާފައިވާތީ، ރައީސް ޔާމީންގެ ސަރުކާރުން ރަސްފަންނުގައި ހެދި ދުވާ ޓްރެކަށް އާސަންދައިން 9.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، ރަސްފަންނާއި އެތަނާ ގުޅުން އޮތް ބިމަކީ އާސަންދަ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫން ކަމުން، އެތަނަށް ކުންފުނިން ހަރަދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ރަސްފަންނު ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާންއާ ހަމައަށް ދުވަން ހެދި 700 މީޓަރުގެ ދިގު ސިންތެޓިކް ޓްރެކަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހަވާލުކުރި މަސައްކަތެކެވެ.

ނަމަވެސް އެތަނުގެ މަސައްކަތް ނިމެން ކައިރިވެފައި އޮއްވާ، ޓްރެކް ހަނިކަމަށް ބުނެ އަލުން ތަޅާލައިގެން ހެދި އެވެ. އަދި ފަހުން ޓްރެކްގައި އަޅާފައި އޮތް ސިންތެޓިކް ރަބަރު ނެއްޓި އަލުން އެތަން ހަދަން ވެސް ޖެހުނެވެ.