އަލީ ރިފްޝާން
ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވޮލީބޯޅައިން ރާއްޖެއަށް ލިބުނު ނާކާމިޔާބީ ޒިންމާ، ފިތުނަ އުފެއްދި ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވީއޭއެމްގެ ރައީސް ލަތީފް، މަގާމުގެ ޒިންމާތަކުން ދުރުކޮށް، އެސޯސިއޭޝަންގެ ހިންގުން ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއަކާ ވަނީ ހަވާލުކޮށްފައެވެ. އެ ނިންމުން ނިންމާފައިވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހްމަދު ސަލީމެވެ.
ވީއޭއެމްގެ ރައީސްގެ މަގާމުގެ ޒިންމާތަކުން ދުރުކޮށްފައިވާ ލަތީފް، އެ އެސޯސިއޭޝަންގެ ލެޓާހެޑްގައި ނެރުނު ނޫސްބަޔާނެއްގައި ބުނީ އައިއޯއައިޖީ އިން ކާމިޔާބީ ހޯދުމަށް ކުޅުންތެރިންނާއި އޮފިޝަލުން ކުރަމުންދިޔަ މަސައްކަތް، އަމާޒަށް ވާސިލު ނުވެ ނިމިގެންދިޔައީ ވޮލީބޯޅައިގެ ކުރިއެރުމަށް އެއްވެސް ގޮތަކަށް ނޭދޭ ބައެއްގެ މަކަރުވެރި އަދި ކެހިވެރި ރޭވުމެއްގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ.
"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ވޮލީ ޓީމަށް ނާކާމިޔާބުވީ، ވޮލީއަށް އެއްވެސް މިންވަރަކަށް ހެޔޮ ނޭދޭ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މި އެސޯސިއޭޝަނުން ރާވާފައިވާ ތާވަލާ އެއްގޮތަށް ތަމްރީނުތައް ކުރިއަށް ނުގެންދިއުމާއި، ތާވަލަށް ބަދަލު ގެނައުމާއި ޓީމެއްގެ ގޮތުގައި ކުޅުންތެރިން ގެންގުޅެން ނޭގުމުގެ ނަތީޖާއިންނެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ވޮލީބޯޅަ އާއިލާގެ ތެރެއިން، ފިތުނަ ފަސާފަ އުފެއްދި ފަރާތްތަކުން އުފުލަން ޖެހޭނެއެވެ..،" ލަތީފް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ޓީމުގެ މަސައްކަތުގެ ތެރެއިން މުބާރާތަށް ތައްޔާރުވުމަށް ދުރާލާ ރާވާފައިވާ ތާވަލަށް ބަދަލު ގެނައުމުގެ ސަބަބުންނާއި ވޮލީބޯޅަ އާއިލާގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން، ކުޅުންތެރިންނާއި އޮފިޝަލުންނަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާކަން ކުޅުންތެރިންގެ ކުޅުމުން ވެސް ފާހަގަކުރެވޭނެ ކަމަށާއި ކުޅުންތެރިންގެ މޮޅު ކުޅުމުން އެ ޓީމުތަކަކީ އެފަދަ މުބާރާތެއްގައި ރަން ވަނަ ހާސިލުކުރެވޭނެ ކުޅުންތެރިންކަން މުބާރާތް ބެލި ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ކަމަށެވެ.
މިމަހުގެ 19 ވަނަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ވީއޭއެމް އިން ފަށާފައިވާނީ އެ މުބާރާތުން ރަން މެޑެލް ހޯދުމަށް ކަމަށާއި އަދި އެކަމަށް ތައްޔާރުކުރެވުނު ތަވަލާ އެއްގޮތަށް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުގެ ފަރާތުން ދުރާލާ ފަށާފައިވާނެ ކަމަށް އޭނާ ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
"ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް މި އެސޯސިއޭޝަނުން އެކުލަވާލި ތާވަލަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބޭތީ ނުހަނު ކަންބޮޑުވަމެވެ. މުބާރާތަކުން ވަނައެއް ހާސިލުކުރެވެނީ ދުރާލާ ރާވާލެވިފައިވާ ތާވަލަކާ އެއްގޮތަށް ކުރެވޭ ބުރަ މަސައްކަތެއްގެ ތެރެއިންނެވެ. އަދި އެފަދަ ބުރަ މަސައްކަތްތައް ވޮލީބޯޅައިގެ ގައުމީ ޓީމުތަކުން ކުރަމުން ގެންދަނިކޮށް، އެ ކުޅުންތެރިން އުންމީދުތައް ހާސިލު ނުވާ ގޮތަށް ކަންތައްތައް ތަރުތީބުވަމުންދާތީ އިންތިހާއަށް ކަންބޮޑުވަމެވެ..،" އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ސަރުކާރުގެ އިސްވެރިން އައިއޯއައިޖީގެ ތެރެއިން ޓީމުތަކަށް ހިތްވަރުދެއްވަމުން ގެންދެވުމުން، އެކަމަކީ ދިވެހި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި، ލަތީފް ވަނީ އެބޭފުޅުންނަށް ޝުކުރު ވެސް ދަންނަވައިފައެވެ.