ދިވެހިރައްޔިތުންގެ ޕާޓީ

ޑީއާރުޕީގެ އެސްޖީގެ މަގާމަށް ނަހުލާ އަލީ ހަމަޖައްސައިފި

ޝަހީދާ އަބްދުﷲ ސައީދު

ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހ. ސަންޝައިންވިއު، ނަހުލާ އަލީ މިއަދު ހަމަޖައްސައިފިއެވެ.

ނަހުލާ އެމަގާމަށް ހަމަޖެއްސެވީ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޑީއާރުޕީން ބުނިގޮތުގައި ނަހުލާ އެމަގާމަށް ހަމަޖެއްސެވީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށެވެ. ނަހުލާ އެމަގާމަށް ހަމަޖެއްސެވިއިރު ނަހުލާ މިހާރު ހުންނެވީ ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓްޓުއާސް ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ނަހުލާ ވަނީ ޕޮލިޓިކްސް އެންޑް އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހަދާފައެވެ. ނަހުލާ މީގެކުރިން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ މަތީ މަގާމުތައް އަދާކުރައްވާފައެވެ.

ޔޮޓް ޓުއާސް ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ނަހުލާ ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ އޭނާ ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖެއްސެވުމަކީ އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވާކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.

އަދި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް ފުރުސަތު ދެއްވާކަން އަންގައިދޭ ކަމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.