ޚަބަރު

އަދީބު ދަތުރު ކުރެއްވި ޓަގު ބޯޓުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފަތޯނާ ފާއިޒު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ޓަގު ބޯޓު "ވާގޯ 9"އާ ގުޅޭ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަދީބު ދަތުރުކުރެއްވި ޓަގު ބޯޓުގެ މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ތަހުގީގުގެ ބޭނުމަށް އެބޯޓު ރާއްޖެ އައުމުން ހިފަހައްޓާ ދިނުމަށް ކަސްޓަމްސްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ޓަގު ބޯޓުގެ އެއްވެސް ފަޅުވެރިއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓަގު ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަދީބު އިންޑިއާގެ ޓުޓިކޮރިން ބަނދަރުން އެގައުމަށް އެތެރެވާން މަސައްކަތް ކުރެއްވީ "ވާގޯ9" ގައެވެ. އަދީބު ފިއްލަވަން އުޅުއްވިކަން ފަޅާއަރުވާލީ އެބޯޓުގެ ފަޅުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަދީބު ފިއްލަވަން ބޭނުންކުރެއްވި ޓަގު ބޯޓުގެ މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ، އެމަނިކުފާނު ފިއްލެވި މައްސަލަ ބަލައި، ގުޅުން ހުރި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. ޅ. މާބިންހުރާ، ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފަސް މިލިޔަން ޑޮލަރު (77 މިލިއަން ރުފިޔާ)އަށް އަދީބު ހިޔާނާތްތެރިވި މައްސަލަ ވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައަކީ މީގެ ކުރިން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓަށް އެންގީ އަލުން އެ މައްސަލަ ބެލުމަށެވެ. އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓު ހިފަހައްޓައި ބަންދުގައި ބެހެއްޓުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުން އަދީބު ބަންދުގައި ބެހެއްޓި ނަމަވެސް މިއަދު އެކަމަށް ވަކި ގޮތެއް ސުޕްރީމް ކޯޓުން ނިންމާފައެއް ނުވެއެވެ.