ޚަބަރު

"ކައިރި ކައިރީގައި ތެލަސީމިއާ ފަރާތްތައް ނިޔާވުމަކީ އާދައިގެ ކަމަކަށް ނުބައްލަވާ، ސަބަބު ހޯއްދަވައި ދެއްވާ"

ފަތޯނާ ފާއިޒު

ކައިރި ކައިރީގައި ތެލެސީމިއާ ބަލި ހުންނަ ގިނަ ފަރާތްތައް ނިޔާވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ހިނގަން މެދުވެރިވި ސަބަބު ހޯދައިދިނުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ގޮވާލައިފިއެވެ.

ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާ ހުންނަ އަށް ފަރާތެއް ވަނީ ނިޔާވެފައެވެ. އަދި އެކަމާ ގުޅިގެން ތެލަސީމިއާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން އާންމުންގެ ތެރޭގައި ކަންބޮޑުވުން ވަނީ އުފެދިފައެވެ. ތެލެސީމިއާ ސޮސައިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރު މުއްދަތެއްގެ ތެރޭގައި ތެލަސީމިއާ އަށް ފަރާތެއް ނިޔާވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އަދި ތެލެސީމިއާގެ ވޭން ތަހައްމަލު ކުރާ ފަރާތްތަކުގެ ދިރިއުޅުމުގެ ހައްގު ރައްކާތެރިކޮށް، ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ގާނޫނު ތަކުންނާއި ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއް ކަމުން، ކައިރި ކައިރީގައި ތެލެސީމިއާ ހުންނަ ފަރާތްތަކެއް ނިޔާވުމަކީ އާދައިގެ ކަމެއް ކަަމަށް ނުބަލައި އެކަން ހިނގި ގޮތް ބަލައިދިނުމަށް ތެލެސީމިއާ ކޮމިއުނިޓީގެ ފަރާތުން ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަރުކާރުން ތެލެސީމިއާއަށް ކުރާ ހޭދަ ބޮޑު ނަމަވެސް، އެ ހޭދައިގެ އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށާއި އެކަމާ އެ ސޮސައިޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރުގައި ރާއްޖެއަށް ތެލެސީމިއާ މާހިރުންގެ ޓީމެއް ގެނެސް، ރާއްޖޭގައި އެބަލީގެ ހާލަތު ދެނެގަތުމަށް އެސެެސްމެންޓެއް ހެދި ނަމަވެސް އެ އެސެސްމެންޓުގައި ފާހަގަކުރި ކަންކަމަށް މިއަދާ ހަމައަށް އައިރުވެސް ހައްލެއް ހޯދިފައިނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި 2014 ވަނަ އަހަރުގައި ސަރުކާރުން ޑަބްލިޔުއެޗްއޯގެ އެހީގައި އަލުން އެ އެސެސްމެންޓް ތައްޔާރުކޮށް ހަމަ އެ ހޯދުންތަކާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި ކަމަށްވެސް ބުނެފައިވެއެވެ.

ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދޭ ފަރުވާއަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާކަން ހިތާމައާއެކު ފާހަގަކޮށް ތެލަސީމިއާ ސޮސައިޓީގެ ބަޔާނުގައި ބުނީ، ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ސްޕެޝަލިސްޓެއް ނެތުމާއި ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދޭ ފަރުވާ އުމުރާ އެއްގޮތަށް ބަދަލު ނުކުރުމާއި ތެލެސީމިއާއަށް ދޭ ހާއްސަ ފަރުވާ ދޭނެ ސްޕެޝަލިސްޓުން މަދުކަން ފާހަގަކޮށްފައެވެ.

އަދި އަތޮޅުތެރެ އާއި މާލޭގައި ދޭ ތެލެސީމިއާ ފަރުވާ ތަފާތުވުމުގެ އިތުރުން ތެލެސީމިއާ ސެންޓަރާއި އައިޖީއެމްއެޗާ ދެމެދު ރިފަރަލް ނިޒާމެއް ނެތުމަކީ ތެލެސީމިއާ ކުދިންނަށް ދޭ ފަރުވާއަށް އެދެވޭ ބަދަލެއް އައިސްފައި ނުވާ ސަބަބުތައް ކަމަށް ބުނެފައިވެއެވެ.

ތެލެސީމިއާ އަކީ ލޭގައި ހުންނަ އުނިކަމެއްގެ ސަބަބުން މުޅި އުމުރަށް ލޭ އަޅަންޖެހޭ ހާލަތެކެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތަށް ބަލާއިރު ތެލެސީމިއާ ހުންނަ މީހުން ގިނަ ގައުމަށްވާއިރު، ރާއްޖޭގައި 18 އަހަރުން މަތީގެ ތެލެސީމިއާ ޕޭޝަންޓުންނަށް ދައުލަތުން ކޮންމެ މަހަކު ގާތްގަނޑަކަށް 12000 ރުފިޔާ ހަރަދު ކުރެއެވެ.