ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަބުރު ކަތިލަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެއެވެ.
ޓީވީއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ކޮރަޕްޝަނާ ގުޅިފައި ހުރި ނަމަ ރައްޔިތުންނަށް ހިދުމަތްކުރަައްވަން ރައީސްގެ މަގާމަށް ކުރިމަތި ނުލެއްވީސް ކަމަށާއި ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ ޖީބު ތެރެއަށް ވެއްޓިވަޑައިގެން އޮންނަވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ އަބުރު ކަތިލަން މަސައްކަތް ކުރާނެ ކަމެއް ނެތް އިނގޭތޯ؟ އެއީކީ ވާނެ ކަމެއް ނޫން. އަޅުގަނޑު މިއަދު މި ހިސާބަށް އަންނާކަށް މިއަދު މި ގޮނޑީގައި އިންނާކަށް ކުރިމަތި ނުލީސް އަޅުގަނޑުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމަށް ވަންޏާ. އަޅުގަނޑު މި ގޮނޑިއަށް ކުރިމައްޗެއް ނުލީސް އެއްވެސް މީހެއްގެ، އެއްވެސް ވިޔަފާރިވެރިއެއްގެ ޖީބުގައި އަޅުގަނޑު ހުރި ނަމަކާ. އެއިން މީހަކަށް އަޅުވެތިވާ ގޮތަކަށް އެފަދަ މީހެއްގެ ފަރާތުން އަޅުގަނޑު އެއްވެސް އެހީއެއް ހޯދާފައި ހުރި ނަމަ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރާކަށް ކުރިމައްޗެއް ނުލާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާ ގާތް ކުރާ ވަރުގެ ނަޒާހަތްތެރިކަމެއް ހުރި ބޭފުޅަކު ވެސް ނުހުންނާނެ ކަމަށާއި މިހާރު އުޅޭ ލީޑަރުންގެ ތެރޭގައި އެމަނިކުފާނުގެ ކެރެކްޓާ ނޫނީ އިންޓެގްރިޓީއާ ކައިރިކުރާ ވަރުގެ މީހަކު ވެސް ނޫޅޭ ކަމަށެވެ.
"އެހެންވީމާ މިއަދު ވެސް މި ދަންނަވަނީ މިހާރު މިއުޅޭ ލީޑަރުންގެ ތެރޭގައި އަޅުގަނޑުގެ ކެރެކްޓާ ނޫނީ އަޅުގަނޑުގެ އިންޓެގްރިޓީއާ ކައިރިކުރާ ވަރުގެ މީހަކު ވެސް ނާންނާނެ އިނގޭތޯ؟. އަޅުގަނޑު ކުރާ ކަމެއްގައި އަޅުގަނޑަށް ވުރެ މޮޅަށް އެކަމެއް ކުރެވޭނެ ކަމަށް ވިދާޅުވާ ބޭފުޅަކު ހުރިއްޔާ މަޝްވަރާ ދެއްވާ. އެކަމަކު އަޅުގަނޑުގެ ކެރެކްޓާ ނޫނީ އަޅުގަނޑުގެ އިންޓެގްރިޓީ ކޮމްޕްރަމައިޒްވެގެން އެ ދައްކާނެ މީހަކު ނާންނާނެ. އެއީ ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކަންކަން ކުރެވޭނެ ކަމުގެ އަޒުމާއި ހިތްވަރު ހުރެގެން ކަމަށާއި އެހާ އަވަހަށް ބަލި ގަބޫލުކުރުމަކީ އެމަނިކުފާނުގެ މިޒާޖެއް ނޫން ކަމަށެވެ. އަދި މާޒީން ދުވަސްތަކެއް އަނބުރާ ގެނެވޭނެ ނަމަ ކުރަން ބޭނުންވާނެ ކަމަކީ އެކުގައި އުޅުނު މީހުންނާއި ވަކިވެ ދިޔަ މީހުންގެ ޝަހުސިއްޔަތު ދަސްކުރެވޭތޯ ބެއްލެވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.