ޝަހީދާ އަބްދުﷲ ސައީދު
ރޭގަނޑު ބާރައިގެ ފަހުން ކުރާ ޓެކްސީ ދަތުރުތަކަށް 30 ރުފިޔާ ނެގިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ހަމަޖައްސާފައިވަނީ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ ތެރެއިން ރޭގަނޑު ބާރައިގެ ފަހުން ކުރާ ދަތުރުތަކަށް ވެސް 25 ރުފިޔާ ނަގަން އަލަށް ހެދި ގަވައިދުގައި ހިމަނާފައިވާތީ، ޑްރައިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އަދި އަލަށް ހެދި ގަވައިދުގައި ޑިކީއަށް ދާގީނާ އެރުވި ނަމަވެސް އިތުރަށް ފައިސާ ނުނަގަން ނިންމި އުސޫލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެކަމާ ޑްރައިވަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އެގޮތުން ޓެކްސީގެ ޑިކީއަށް ދާގީނާ އަރުވަން މިހާރު ބައެއް ޑްރައިވަރުން ދަނީ ދެކޮޅު ހަދަމުންނެވެ.
މީގެ އިތުރުން ޓެކްސީތަކުން ޓެކްސީ އެޕްލިކޭޝަނުގައި ރެޖިސްޓްރީ ކުރުމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމަށްވެސް މިއަދު ވަނީ ބަދަލުގެނެސްފައެވެ.
އެގޮތުން މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ޓެކްސީ ހުއްދަ ދީފައިވާ ޓެކްސީތައް އެޕްލިކޭޝަނުގައި ރެޖިސްޓްރީކުރުން މަޖުބޫރު ނޫން ކަމަށް ކަނޑައަޅާފައިވާ އިރު، މިމަހުގެ އެކެއްގެ ފަހުން ހުއްދަ ދޭ ޓެކްސީތަކަކީ ޓެކްސީ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީ ވެފައިވާ ޓެކްސީއަކަށް ވާންޖެހޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ގަވައިދުގައިވާ ގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނީ، މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.
އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް 5 ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށް ލާއެއްޗަކަށް އެއްވެސް އަގެއް ނުނެގޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް އެކުލަވައިލި މި ގަވައިދަށް މާދަމާއިން ފެށިގެން އަމަލުކުރާނެ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.