ޝަހީދާ އަބްދުﷲ ސައީދު
މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައި އާންމުކުރި އުސޫލަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދި ޑްރައިވަރުންގެ ޖަމިއްޔާއިން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޓެކްސީ ކުރުމުގެ ގަވައިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި މިއަދު އެޖަމުއިއްޔާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން މި ގަވައިދަށް އަމަލުކުރަން ނިންމާފައިވާ އިރު، މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.
އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. ދަތުރުތަކަށް ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރަން އަންގާފައިވާ އިރު، އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ޓެކްސީ ގަވައިދުގެ ފަސްވަނަ އިސްލާހު ގެނައުމުގެ ގަވައިދުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޓެކްސީ ހިދުމަތަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފައެވެ.
މި އޮޕަރޭޝަނުގައި އިތުރަށް ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމާއި ޓެކްސީ ގަވައިދުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ރޯޑުވާދިނަސް މިންގަނޑަށް ފެތޭތޯއާއި އުޅަނދު އުފެއްދި ތާރީހުން ފެށިގެން 20 އަހަރު ނުވާ އުޅަނދުތަކެއްތޯ ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.