ޚަބަރު

ދިވެހި އާޓިސްޓުންގެ ހުނަރު ބައްލަވާލެއްވުމަށް ރައީސް އާޓް ފެސްޓިވަލަށް

ފަތޯނާ ފާއިޒު

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން "އަންވެއިލިންގ ވިޝަން 2019" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތްކުރައްވައި ދިވެހި އާޓިސްޓުންގެ ހުނަރުވެރިކަން ބައްލަވާލައްވައިފިއެވެ.

ނެޝަނަލް އާޓް ގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސް ސޯލިހު މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދެވިއެވެ.

މި މައުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންނާ އަލަށް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 58 ކުރެހުންތެރިން ބައިވެރިވެއެވެ. ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް "އަންވެއިލިންގ ވިޝަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ތިން ވަނަ އަހަރެވެ.

އާންމުކޮށް ހުޅުވާލައިގެން ނެޝަނަލް އާޓް ގެލަރީގައި މާދަމާގެ ނިޔަލަށް ކުރިޔަށްދާ މިއަހަރުގެ މައުރަޒުގައި ބައިވެރިވި އުމުރުން 30 އަހަރުން ދަށުގެ އާޓިސްޓުންގެ ތެރެއިން އެންމެ މޮޅު 3 އާޓިސްޓުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.