މާދަމައިން ފެށިގެން ''އަވަސް ރައިޑް'' ގެ ހިދުމަތް ދޭނީ ސަރުކާރުން ކަނޑައެޅި އަގުތަކުގައި ކަަމަށް އެ އެޕްލިކޭޝަނުން ބުނެފިއެވެ.
''އަވަސް ރައިޑް'' ގެ ފޭސްބުކް ޕޭޖުގައި އެ އެޕްލިކޭޝަންގެ ފަރާތުން ބުނެފައިވަނީ 7 އޮގަސްޓް (މާދަމާ) އިން ފެށިގެން އެ ސެންޓަރުން ދަތުރު ކުރާނީ ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ އާ އަގުތަކަށް ކަމަށެވެ. އަވަސް ރައިޑުން މިކަން އިއުލާނުކޮށްފައިވަނީ ޓްރާންސްޕޯޓު އޮތޯރިޓީން މިމަހު އެއްވަނަ ދުވަހު މާލެއިން ހުޅުލެ، އަދި ހުޅުމާލެއަށް ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅައި އާންމު ކުރުމުންނެވެ.
މީގެ ކުރިން އަވަސް ރައިޑުން މާލެ އިން ހުޅުމާލެ ނުވަތަ ހުޅުލެއަށް ދަތުރުކޮށްދެނީ 100 ރުފިޔާއަށެވެ. ނަމަވެސް ޓްރާންސްޕޯޓުން އާންމު ކުރި ބަދަލާއެކު މާދަމާއިން ފެށިގެން މާލެ-ހުޅުލެ އަދި ހުޅުލެ-ހުޅުމާލެ ދަތުރެއް ކޮށްދޭނީ 60 ރުފިއާއަށެވެ. އަދި މާލެއިން ހުޅުމާލެ އަށް ދަތުރު ކޮށްދޭނީ 75 ރުފިޔާގެ އަގެއްގައެވެ.
އަވަސް ރައިޑުން ޓްރާންސްޕޯޓް އޮތޯރިޓީގެ މި ނިންމުމާއި އެއްގޮތަށް އަމަލު ކުރަން ނިންމާ އިއުލާނުކޮށްފައިވަނީ ޓެކްސީ ކުރާ ގިނަ މީހުން މި ރޭޓުތަކުގައި ޓެކްސީ ކުރަން ދެކޮޅު ހަދާފައިވަނިކޮށެވެ.
މިއަހަރު ކުރީކޮޅު ތައާރަފު ކުރި އަވަސް ރައިޑް އެޕަކީ މާލެތެރޭގެ އިތުރުން މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ކާރުގެ އިތުރުން ސައިކަލު، ވޭން އަދި ޕިކަޕާއި ލޮރީ ދަތުރުކުރުމުގެ ހިދުމަތްދޭ އެޕެކެވެ. މިހާތަނަށް 850 އަށް ވުރެ ގިނަ ވެހިކަލް މި އެޕްގައި ރަޖިސްޓަރީ ވެފައިވާ ކަމަށް އެޕް ހިންގާ ފަރާތުން މައުލޫމާތު ދެއެވެ.
މި އެޕްލިކޭޝަން ގޫގުލް ޕްލޭ އަދި އެޕްސްޓޯ އިން ޑައުންލޯޑްކުރެވެއެވެ.