ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

އަގު ކުޑައެއް ނޫން، ޑްރައިވަރުން މުޒާހަރާކުރިޔަސް ރައްޔިތުންނަށް ދަތިވިޔަކަ ނުދޭނަން: މިނިސްޓަރު ނަހުލާ

8

ޓެކްސީ ތަކުން ދަތުރުކުރުމަށް ނެގޭގެ ފީގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަގުތައް ކުޑަ ނޫން ކަމަށާއި ޓެކްސީ ޑްރައިވަރުން އިހުތިޖާޖަކަށް ދާން އުޅޭ ކަމުގެ އަޑު އިވިވަޑައިގެންފައި ވާތީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ނަހުލާ ވިދާޅުވީ، ޓެކްސީ ޑްރައިވަރުން މުޒާހަރާ ކުރިނަމަވެސް އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތި ނުވާނެ ގޮތެއް ހޯއްދަވާނެ ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ބަދަލެއް ގެންނަވަން ނުވިސްނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާ ގޮތަށް އެ އަގުތަކުގައި ކުރިޔަށް ދާން ނިންމާފަ އޮތީ. ދެން ޓެކްސީ ޑްރައިވަރުން މުޒާހަރާއެއް ކުރާ ވާހަކަ އަޑު އިވިފަ ވާތީ އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މި އަންނަނީ. ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިކަމެއް ކުރިމަތި ނުވާނެ ފަދަ ގޮތެއް އަޅުގަނޑުމެން ހޯދާނަން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން، އެމްޓީސީސީ އާއި އެމްޕީއެލް މެދުވެރިކޮށް އެކަމަށް ހައްލެއް ހޯއްދެވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހެދިފައިވާ ގާނޫނު ތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރުމަށް ކަނޑައަޅާފައިވާ މުއައްސަސާތައް މެދުވެރިކޮށް އެކަން ކުރިޔަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ފަރާތަކަށް ވެސް އޮންނާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން މި ފަދަ ބަދަލެއް ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ޝަކުވާތަކެއް ޓެކްސީގެ ހިދުމަތާ ގުޅޭ ގޮތުން ލިބުމުން ކަމަށެވެ. އެގޮތުން ޓެކްސީ ނުލިބޭ ވާހަކަ އާއި ޓެކްސީއަށް ނަގާ އަގަކީ އެކަށީގެންވާ އަގެއް ނޫން ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ އާންމު ފަރާތްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ލިބި ވީހާވެސް ގިނަ ރައްޔިތުންނަށް އެ ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިހާރު ކަނޑައަޅާފައިވާ އަގު ކުޑަ ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މާލޭ ކަޅުތުއްކަލާ ކޮށީން ފެށިގެން ހުޅުމާލޭ ބާބަކިޔުޕޮއިންޓާ ހަމަޔަށް ދާން ކާރަކުން އެވްރެޖްކޮށް އަނދާނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ ގާތްގަނޑަކަށް 12 ރުފިޔާގެ ޕެޓްރޯލު ކަމަށެވެ. އެހެން ކަމުން މާލެއިން ހުޅުމާލެއަށް ކުރާ ދަތުރެއްގެ އަގުގެ ގޮތުގައި 75 ރުފިޔާ ހަމަޖެއްސުމަކީ އެއްގޮތަކަށް ވެސް ކުޑަ އަގެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟