މައިލޯ ކޭހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
މިއަދު ހެނދުނު މިމީހާ ހައްޔަރުކޮށްފައި ވަނީ މަސް މާރުކޭޓު ސަރަހައްދުންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހެނދުނު 6:55 ހާއިރު މަސް މާރުކޭޓު ކައިރީ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، ވަގަށް ނަގާފައިކަމަށް ބެލެވޭ މައިލޯ ކޭހެއް ހިފައިގެން ސައުކަލުގައި ދަނިކޮށް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނާ ހައްޔަރު ކުރީ އެ މައިލޯ ކޭހަކީ ވަގަށް ނަގާފައިވާ މައިލޯ ކޭހެއްކަން ފުލުހުންނަށް އެނގުމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.