މިހާރު ނޫހުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "މިހާރު އެވޯޑްސް 2019" ގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި އެވޯޑަކީ ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި، ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކު މިހާރު ނޫހުން ދެމުން އަންނަ އެވޯޑެކެވެ.
މި ހަފުލާގައި ދިވެހިރާއްޖޭގެ ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ގައި ހޯދި ކާމިޔާބީއާއި އެ ކުޅިވަރު މުބާރާތް، 2023 ވަނަ އަހަރު ބާއްވަން ރާއްޖެއަށް ފުރުސަތު ލިބުމުގެ އުފާ ފާހަގަކޮށްފައިވެއެވެ.
މި ހަފުލާގައި، 2018 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ. އަލްމަރްހޫމް ސައްޔިދު ހަސަން، ކުޅިވަރުގެ އެކި ރޮނގުތަކުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމަރްހޫމްގެ އާއިލާއަށް ވެސް މި ހަފުލާގައި ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.
މިއަހަރުގެ "މިހާރު އެވޯޑްސް" ގައި ހަ ކުޅިވަރަކުން، އެކި ގިންތިތަކުން ވަނަތައް ހޮވައި ކުޅުންތެރިންނަށް އެވޯޑް ދީފައިވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ރައްޖޭގެ ގައުމީ ޓީމު ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައި ވާތީ ދިވެހި ފުޓުބޯޅަ ޓީމުގެ އަގުވަޒަންކޮށް ގައުމީ ފުޓުބޯޅަޓީމަށް ވެސް ވަނީ އެވޯޑު ދެއްވާފައެވެ.
މި ހަފުލާގައި އަލްމަރްހުމް ޒާހިރު ނަސީރުގެ ހަނދާނުގައިވެސް އެވޯޑެއް ދީފައިވެއެވެ. މި އެވޯޑް ދެމުންގެންދަނީ، ދިވެހި ކުޅިވަރަށް އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ ހަނދާނާއި ޝަރަފުގައެވެ.
މި ފަރާތްތަކަށް ވަނީ އެލައިޑް އިންޝުރަންސް އަދި އޫރިދޫ އިން ދޭ ހާއްސަ އިނާމުވެސް ދެއްވާފައެވެ.
މި އެވޯޑް ހަފުލާގައި ސަރުކާރުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ކުޅުންތެރިންނާއި، ކޯޗުންނާއި، ޓެކްނިކަލް އޮފިޝަލުންނާއި ރެފްރީން އަދި ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.