އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަިޖީ) ގައި ބައިވެރިވި ރާއްޖޭގެ ޒުވާން އެތުލީޓުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެމުބާރާތުން ވަނަ ވަނައަށް ގޮސް މެޑެލް ހޯދި ކޮންމެ ކުޅުންތެރިއަކަށް، އެލައިޑް އިންޝުއަރަންސް ކުންފުނީގެ ފަރާތުން 300،000 ރުފިޔާގެ އަގުހުރި ހޯމް ކޮންޓެންޓް ވައުޗަރެއް ހަދިޔާކޮށްފިއެވެ.
މި އިނާމު ހަވާލުކޮށްފައިވަނީ ރާއްޖޭގައި ކުޅިވަރު ދާއިރާގެ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ ޝަރަފުވެރި އެވޯޑު ހަފުލާ "މިހާރު ސްޕޯޓްސް އެވޯޑްސް 2019" ގައެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން އިނާމު ހަވާލުކޮށްދިނީ 06 އޮގަސްޓް 2019 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ހަފުލާގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަފާޒުއެވެ.
މި އިނާމު ޖުމްލަ 25 މެޑަލިސްޓުންނަށް ވަނީ ހަވާލުކޮށްފައެވެ.
އެލައިޑުން ބުނީ ހޯމް ކޮންޓެންޓް ވައުޗަރަކީީ ގޭތެރޭގައި ހިފައި ގެންގުޅޭ އަދި އެހެނިހެން އަގުހުރި ތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ފޯރުކޮށްދެވޭ އިންޝުއަރެންސް ހިދުމަތެއް ކަމަށާއި، މިޕޮލިސީ މެދުވެރިކޮށް ވައްކަމާއި ފެންބޮޑުވުން ފަދަ ގުދުރަތީ ހާދިސާތަކުން ސަބަބުން ތަކެއްޗަށް ލިބޭ ގެއްލުން ފަދަ މުހިންމު ކަންކަމަމުގެ ބަދަލު ލިބޭނެ ކަމުގައެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނިން އިތުރަށް ބުނެފައިވަނީ އެކި ރޮނގު ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަކީ އެ ކުންފުނީން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ އެވޯޑްތައް ހާސިލްކުރި އެންމެހާ ފަރާތްތަކަށް އެކުންފުނިން ވަނީ މަރުހަބާ ކިޔައިފަ އެވެ.