ޚަބަރު

މުލީގައި އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ބަލަނީ

މަރިޔަމް ޝަހުދާ

މ. މުލީގައި އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ނޭވާ ނުލާތީ ކަމަށް ބުނެ މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 29 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައެއް މިއަދު ހަވީރު 16:43 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މުލީ ހޮސްޕިޓަލަށް ފުލުހުން ގޮސް މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

އަދި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މުލީ ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމުން ހޮސްޕިޓަލުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އަދި މައްސަލައިގެ މައުލޫމާތު ހޯދުމަށް މުލީ ކައުންސިލްގެ ރައީސް އަށާއި ނައިބް ރައީސްއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. ފޯނު ނެންގެވި މެންބަރު ވެސް ވިދާޅުވީ، އެރަށުގައި ޒުވާން އަންހެނަކު މަރުވިކަން އެނގޭ ކަމަށާއި ނަމަވެސް އިތުރު ތަފްސީލެއް ނޭނގޭ ކަމަށެވެ.