ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ޑެލޭ އަލީއަށް އަނިޔާވެ، އޭނާއަށް ސީޒަންގެ ފެށުން ގެއްލިއްޖެއެވެ.
އުމުރުން 23 އަހަރުގެ ޑެލޭ އަލީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަނުގެ ފެށުން އޭނާއަށް ގެއްލޭނެ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފައިވެއެވެ.
މީގެ ކުރިން ޕޮކެޓީނޯ ބުނެފައިވަނީ ޑެލޭ އަލީއަށް ލިބުނު އަނިޔާއަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ، ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި، ސީޒަން ފެށުމުގެ ކުރިން އޭނާ ފިޓްވާނެ ކަމަށެވެ.
"ޑެލޭ އަލީއާ ކްލަބުން ވާހަކަ ދެއްކި ކަމަށް ނޭނގޭ. އެކަމަކު އޭނާއަށް ސީޒަނުގެ ފެށުމަށް ތައްޔާރުވެވޭނެ ކަމަށް އަހަރެންނަށް ގަބޫލެއް ނުކުރެވޭ. މިފަހަރުވެސް ޑެލޭ އަލީއަށް އަނިޔާވީ، ކުރިންވެސް އަނިޔާވި ހިސާބަށް. އޭނާއަކީ ވަރަށް ޒުވާން ކުޅުންތެރިއެއް. އުމުރުން 23 އަހަރުގައި ފަލަމަސްގަނޑުގެ އެތައް އަނިޔާތަކެއް. އެ އަނިޔާތަކަށް އޭނާ ސަމާލުކަން ދޭން ޖެހޭ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެލޭ އަލީގެ އަނިޔާއާ ގުޅޭގޮތުން ޕޮކެޓީނޯ ބުންޏެވެ.
ޑެލޭ އަލީގެ އިތުރުން ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޑަރު ހުއާން ފޮއީތަށް ވެސް ވަނީ އަނިޔާވެފައެވެ. އޭނާއަށް ލިބުނު ލިގަމެންޓް އަނިޔާއަށް ފަހު، އެނބުރި ކުޅުމަށް އާދެވޭނެ ދުވަހެއް ބުނަން އަދި އުނދަގޫ ކަމަށް ޕޮކެޓީނޯ ބުނެފައިވެއެވެ.