ޚަބަރު

ހައްޖަށް ދާން ޕެންޝަނުން %80 ނެގޭ ގޮތަށް ފާސްކުރި ބިލާއެކު ތިން ބިލެއް ތަސްދީގު ކުރައްވައިފި

މަރިޔަމް ޝަހުދާ

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގެ ބިލާއެކު އިތުރު ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކުރި ބިލެކެވެ. އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު ފަރުޟް ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުން އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 އިންސައްތަ ދޫކުރެވޭގޮތަށް ހަމަޖެހިގެންދާނެއެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި އަނެއް ދެ ބިލަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ދެ ބިލަކީ ވެސް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ދެ ބިލެވެ.

މި ދެ ބިލުގެ ތެރެއިން ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުން ސިޔާސީ ނުފޫޒުން ޔުނިވާސިޓީ ހިންގުން ކުޑަ ކުރެވިގެންދާނެއެވެ.

އެގޮތުން ޔުނިވާސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާނީ ހަމައެކަނި ޗާންސެލަރާއި ވައިސް ޗާންސެލަރެވެ. އަދި ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ބިލުގައި ބުނެފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެ މަގާމަށް އައްޔަންކުރި ބޭފުޅަކު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހުރަސްނާޅާ ކަމަށް އޮންނަ މާއްދާ ވަނީ އުނިކޮށްފައެވެ. އަދި ޔުނިވާސިޓީ ކައުންސިލު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ނަގައި އެ ބާރުތައް ކައުންސިލަށް ވަނީ ދީފައެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ މިހާރު ގާނޫނު އޮތް ގޮތުން އިސްލާމީ ޔުނިވަސިޓީއަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތް ކުރުމަށެވެ.

އެގޮތުން މި ބިލްގައި ވެސް ޔުނިވާސިޓީއަށް ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނާނީ ޗާންސެލަރާއި ވައިސް ޗާންސެލަރެވެ. ކުރިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރުމުގެ ބާރު އާ އިސްލާހުން ދީފައިވަނީ ޔުނިވާސިޓީގެ މަޖިލީހަށެވެ. އަދި ޑެޕިއުޓީ ޗާންސެލަރުންގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ވެސް ޔުނިވަސިޓީގެ މަޖިލިހުން ކަމަށް ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލުގައި އިސްލާމީ ޔުނިވަރސިޓީގެ އިސް އޮފިސަރުންނާ ގުޅޭ މާއްދާއަކާއި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާރސެލަރއާ ބެހޭ ބައެއް މާއްދާތައް މަޖިލީހުން އިސްލާހުގެނެސް ފާސްކޮށްފައިވެއެވެ.

މި ތިން ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ބިލުތައް ވެސް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.