ހުޅުމާލޭ ރީތިގަސް މަގުގައި ހުރި ވިލާ ޕެޓްރޯލް ޝެޑަށް ވޭނެއް ވަންނަނިކޮށް، ވޭނާއި ޕެޓްރޯލް ޝެޑާއި ދޭތެރެއަށް ވަތް ސައިކަލެއް އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު 1:40 ހާއިރު އެހާދިސާ ހިނގާފައިވަނީ ޕެޓްރޯލް ޝެޑަށް ސިގްނަލް ދީފައި ވޭނެއް ވަންނަން އުޅެނިކޮށް، ޕެޓްރޯލް ޝެޑާއި ވޭނާއި ދޭތެރެއަށް ސައިކަލެއް ވަދެ، ދާންއުޅުމުގެ ތެރޭގައި ވޭން ދަށަށް ސައިކަލު ވަނުމުންނެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ އަނގަމަތި ފަޅައިގެން ގޮސް، ދަތެއް ވެއްޓިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެކްސިޑެންޓްގައި ސައިކަލާއި ވޭނަށްވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށާއި ސައިކަލު ދުއްވަން އިނީ ލައިސަންސް އޮތް 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.