މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

އަގަށް ބަދަލެއް ނުގެނެސް ތަންފީޒު ކުރާނަން، ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

ޝަހީދާ އަބްދުﷲ ސައީދު

3

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީ ހިދުމަތަށް ކަނޑައެޅި އަގަށް ބަދަލު ނުގެނެސް، އެ ގަވައިދު ތަންފީޒު ކުރާނެ ކަމަށާއި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޓެކްސީ ދަތުރުތަކުގެ އަގުތައް ސަރުކާރުން ކަނޑައަޅާފައި ވަނީ ވަރަށްގިނަ ފަރާތްތަކާއި މަޝްވަރާކޮށް، ދަތުރަކަށް ޕެޓްރޯލް ހަރަދުވާ މިންވަރުވެސް ބެލުމަށްފަހު ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައި، މިހާރުވެސް އިއުލާނުކޮށްފައިވާ ގޮތަށް އެ އުސޫލަށް މިމަހު ހަތްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. ޑްރައިވަރުންގެ ޝަކުވާތައް ހުރި ނަމަވެސް އަގަށް ބަދަލު ނުގެނެސް ގަވައިދު ތަންފީޒު ކުރާނެ ކަމަށާއި އެގަަވައިދާ ހިލާފުވާ ފަރާތްތަކާ މެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު ވެސް އަޅާނެ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

އަލަށް އެކުލަވައިލި އުސޫލާ މެދު ކަންބޮޑުވުން ފާޅުކޮށް، ޑްރައިވަރުންގެ ފަރާތުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރިކަން ފާހަގަކުރައްވައި ޒުހައިރު ވިދާޅުވީ މިއަދު 11:00 ގައި ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރީ އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭ ގޮތަށް އޮތުމުން ކަމަށެވެ.

އަދި ޓެކްސީ ދަތުރުތަކުގެ އަގުތަކާ މެދު މައްސަލައެއް ނެތްކަމަށް ޑްރައިވަރުން ބުނެފައިވާކަމަށް ވެސް ޒުހެއިރު ވިދާޅުވިއެވެ.

''އާ ގަވައިދާއެކު ޑްރައިވަރުންނަށް އެބަހުރި ބައެއް ކަންކަން އޮޅިފައި. މިއަދު ބޭއްވި ބައްދަލުވުމުގައި ޑްރައިވަރުން މައުލޫމާތު ސާފުކުރި. ދަތުރުތަކުގެ އަގު ބޮޑު ނޫންކަމަށް ބުނި. ޑްރައިވަރުންގެ ސުވާލަކީ މެޑިކަލް ޓެސްޓް ނަހަދައި އާންމުންނަށް ޓެކްސީ ކުރެވޭނެތޯއާއި ހުއްދަ ނެތި ޓެކްސީ ކުރެވޭނެތޯ. ކޮންމެ މީހަކަށްވެސް ޓެކްސީ ކުރެވޭނީ މެޑިކަލް ޓެސްޓް ހަދައިގެން ހުއްދަވެސް ނަގައިގެން. އޮންނަ އުސޫލުގެ ތެރެއިން ޓެކްސީ ކުރެވޭނީ.'' ޒުހައިރު ވިދާޅުވިއެވެ.

އަލަށް ހުއްދަ ދިން ތިން އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކުން ދަތުރުތައް ކޮށްދޭން ފެށުމުން ޓެކްސީތަކަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމަށް ބުނެ ޑްރައިވަރުން ކަންބޮޑުވުން ފާޅުކުރާ މައްސަލައިގައި ޒުހައިރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކުން ދަތުރުކުރާ ކަމަށެވެ. އަދި ޓެކްސީ ކުރުމުގެ ހުއްދަ 1200 ޓެކްސީއަކަށް ދީފައި އޮންނައިރު ޓެކްސީއެއް ހޯދުމަށް އާންމު ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް މިހާރުވެސް އުފުލަން ޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒުހެއިރު ވިދާޅުވި ގޮތުގައި، އެއީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ. އެޕްލިކޭޝަންތައް މެދުވެރިކޮށް، އެ ހުއްދަ ދޭން ޖެހުނީ ވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ވަރާ ގާތަށް ވެސް ޓެކްސީތަކުން ހިދުމަތް ނުދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ. އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. ދަތުރުތަކަށް ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރަން އަންގާފައިވާއިރު އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އަދި ޓެކްސީގެ ޑިިކީއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމާއި ރޭގަނޑު 12 ގެ ފަހުން ކުރާ ދަތުރުތަކަށް އިތުރަށް ފައިސާ ނެގުން އަލަށް އެކުލަވައިލި ގަވައިދުގެ ދަށުން މަނާކޮށްފައިވެއެވެ.

ޓެކްސީ ދަތުރުތަކުގެ އަގަށް ގެނައި ބަދަލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އަންނަ ބުދަ ދުވަހު ޑްރައިވަރުން ވަނީ އިހުތިޖާޖު ކުރަން ނިންމާފައެވެ. އަދި އަގު ނެގުުމުގެ އާ އުސޫލަށް އަމަލު ކުރުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ދާން ވެސް ޑްރައިވަރުންގެ ޖަމިއްޔާ އިން ވަނީ ނިންމައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟