ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ނާޒިމްގެ ހޫނު ރައްދެއް މިނިސްޓަރު އަމީނަށް

ފަތޯނާ ފާއިޒު

އެހެން ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ ތިމާގެ ޒިންމާ އަދާ ކުރުން ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް، މިހާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަށް ރައްދު ދެއްވައިފިއެވެ.

މި ސަރުކާރުގައި ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ ފަސް އަހަރު އޮތް ސަރުކާރުން އެ ދާއިރާއަށް ވެފައިވާ އިހުމާލުތަކުގެ ސަބަބުން އައިސްފައިވާ ނަތީޖާތައް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަމީނަށް ރައްދު ދެއްވައި، ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ކުރެއްވި ޓްވީޓު

ރ. އަތޮޅު މަޑުއްވަރީ އާއި މީދޫ ސިއްހީ މަރުކަޒާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކުރުމަށް އެމަނިކުފާނު މިއަދު މަޖިލީހަށް ހާޒިރު ކުރެއްވުމުން މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތިވީ ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށެވެ. އަމީން ވިދާޅުވީ ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށާއި ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރެވޭނީ، ރަނގަޅު ކުރުމުގެ ވިސްނުން އޮވެ ތަސައްވަރެއް އޮވެގެން ކަމަށެވެ.

މިނިސްޓަރު އަމީންގެ ވާހަކައާއި ގުޅިގެން ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެހެން މީހުންގެ ބޮލުގައި ޒިންމާ ނާޅުވައި، ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާއަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

"ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގައި މި ސަރުކާރުން އަލަށް ތައާރަފުކޮށްދިން ހިދުމަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ރޭވުންތެރިކަމެއްވެސް ނެތް ކަމަށާއި ތަރައްގީގެ ދުވެލި ވަރަށް ލަސް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އާ އެއްވެސް ޑިވެލޮޕްމެންޓެއް ނާދޭ އަދި. ލީޑަރޝިޕް ރަނގަޅެއް ނޫން" ނާޒިމް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން މަޖިލީހުގައި މިއަދު ދެއްކެވި ވާހަކައަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ފާޑު ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަކީ ނާގާބިލު ސަރުކާރެއް ކަމަށެވެ.