ޚަބަރު

ގޭދޮށު މަސް ފެކްޓްރީތަކަށް ފުރުސަތު ހުޅުވާލަަން އިލްތިމާސްކޮށް ހުށަހެޅި ގަރާރު ފާސްކޮށްފި

އިބްރާހިމް ޒަކީ

ގޭދޮށު މަސް ޕްލާންޓްތައް ތަރައްގީކޮށް ހިންގުމަށް ފުރުސަތު ހުޅުވާލައި، އެކަމަށް ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް އިލްތިމާސްކޮށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި މި ގަރާރުގައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި، 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ގަރާރުގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ދިވެހިން މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިރު، މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް އެސިނާއަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައި ދިނުމަށް މަސަައްކަތްތަކެއްކުރަން ޖެހިފައިވާ ކަމަށެވެ.

އަދި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ދިވެހިިން ބާނާމަސް ރާއްޖޭގައި ޕްރޮސެސްކޮށް، "ވެލިއު އެޑެޑް ޕްރޮޑަކްޓްސް" އުފައްދައި ރާއްޖޭގެ ރިސޯޓްތަކަށް ވިއްކުމާއި ބޭރުގެ މާކެޓްތަކަށް ބޭރު ކުރުމަކީ މުހިއްމުކަމެއް ކަމަށްވެސްް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.

މަސްވެރިކަމަކީ، ދިވެހި އިގުތިސާދުގެ އެންމެ މުހިންމު އެއް ސިނާއަތް ނަމަވެސް އެ ސިނާއަތުގެ ހަގީގީ މަންފާ ދިވެހި އިގުތިސާދަށާއި ރައްޔިތުންނަށް ލިބިފައިނުވާކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި ދިވެހި މަސް، ސްރީލަންކާ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭރު ކުރުމުން އެގައުމުތަކުގައި ވެލިއު އެޑިޝަންގެ ތަފާތު ބާވަތްތައް ހަދައި، ދިވެހި ކަނޑުމަހުގެ ލޭބަލްގައި ވިލާތުގެ ގައުމުތަކަށް ނިސްބަތުން ބޮޑު އަގުގައި ވިއްކައި، އެތަކެތިން ބޮޑު މަންފާއެއް ހޯދަމުންދާކަންވެސް ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސްޕްލާންޓްތައް ތަރައްގީކޮށް ހިންގުމަކީ އިގްތިސާދީ ގޮތުން ދިވެހި އިންވެސްޓަރުންނަށް ނަފާހުރި ވިޔަފާރިއެއް ކަމަށާއި، މަސްވެރިންނަށް ރަނގަޅު އަގެއް ލިބިގެން ދާނެކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މަސް ބަންދުކުރާ ޕްލާންޓްތަކުގައި ބޭނުންކުރާނޭ މެޝިނަރީ ކަނޑައަޅައި، ރަށްރަށުގައި މަސްބަންދު ކުރާ ޕްލާންޓްތައް ގާއިމް ކުރަން ބޭނުންވާ ބިން ކައުންސިލްތަކުން ދޫ ކުރެވޭނެ އުސޫލުތަކާއި، ރަށު ކައުންސިިލް ނުވަތަ ސިޓީކައުންސިލް ތަކުން އެކަމުގައި ބައިވެރި ވެވޭނެ އުސޫލުތައް ކަނޑައަޅައި، ގޭދޮށު މަސް ޕްލާންޓްތައް ތަރައްގީކޮށް ހިންގުމަށް ފުރުސަތު ހުޅުވާލުމަށް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށާއި ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމަށް މަޖިލިސް އިގުރާރުވާ ކަމަށް އެ ގަރާރުގައިވެއެވެ.