ދިރާގު ރޯޑް ރޭސް

10 ކިލޯމީޓަރު ދުވުމުގެ އެއްވަނަ ފަޒީލް އާއި މަރީއަށް

އަހުމަދު ޖައިޝަން

ދިރާގުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރޯޑް ރޭހުގެ އެންމެ ބޮޑު ކެޓަގަރީ ކަމަށްވާ 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނަ، ހުސައިން ފަޒީލް އާއި މަރިޔަމް އަބްދުލް ކަރީމް (މަރީ) ހޯދައިފިއެވެ.

މިއަހަރުގެ 10 ކިލޯމީޓަރުގެ ދުވުމުން އެއްވަނައަށް ހޮވުނު ފަރާތްތަކަށް ދިރާގުގެ ފަރާތުން ހުށަހަޅާފައިވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ރޯޑް ރޭހުގެ 10 ކިލޯމީޓަރުގެ ދުވުމުން ދެވަނަ ހޯދާފައިވަނީ ހުސައިން ރިޒާ އާއި ޕެޓްރީޝިއާ ލޮރޭޒް ގޮމޭޒް އެވެ. އެ ދެމީހުންނަށް ވަނީ 8،000 ރުފިޔާ ފައިސާގެ އިނާމެއް ކަނޑައަޅާފައެވެ. އަދި ތިންވަނައަށް ހޯދާފައިވަނީ އަހުމަދު ރިޒާ އާއި ފާތުމަތު ނިއުޝާއެވެ. އެ ދެ ބައިވެރިންނަށް ވަނީ 6،000 ރުފިޔާގެ އިނާމެއް ލިބިފައެވެ.

ދިރާގު ރޯޑް ރޭހުގެ އެންމެ ގިނަ ބަޔަކު ބައިވެރިވަނީ ފަސް ކިލޯމީޓަރު ނުވަތަ 5ކޭ ކެޓަގަރީއިންނެވެ. އެ ކެޓަގަރީ ވަނީ އިތުރު އަށް ބަޔަކަށް ބަހާލާފައެވެ. އެއީ އޯޕެން ފިރިހެން އަދި އަންހެން އާއި 45 އަހަރުން މަތީގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން މަތީ އަންހެން އަދި ފިރިހެނެވެ.

އެ ރޭހުގެ އޯޕެން ކެޓަަރީއިން އެއްވަނައަށް އަންނަ ފަރާތްތަކަށް 6،000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އެ ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ ހަމްދު ރަޝީދާއި ވަފިއްޔާ އަހުމަދެވެ.

އުމުރުން 45 އަހަރުން މަތީ ކެޓަގަރީއިން އެއްވަނައަށް ހޮވޭ ފަރާތްތަކަށްވެސް ވަނީ 6،000 ރުފިޔާގެ އިނާމެއް ކަނޑައަޅާފައެވެ. އުމުރުން 13 އަހަރުން ދަށުގެ ކެޓަގަރީ އާއި 13 އަހަރުން މަތީގެ ކެޓަގަރީއިން އެއްވަނަ ލިބޭ ކުދީންނަށް ކަނޑަޅާފައިވަނީ ވައުޗާއަކާއި މެޑަލް އަދި ޓްރޮފީއެވެ.