މުއާސަލާތީ ކުންފުނި، ދިރާގުން ސިލްސިލާކޮށް ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ދުވުން، 4،000 ބައިވެރިންނާއެކު މިއަހަރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
"ދިރާގު މޯލްޑިވްސް ރޯޑު ރޭސް"ގެ ނަމުގައި ދިރާގުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ދުވުމަކީ ބައިނަލްއަގުވާމީ ދުވުމެކެވެ. މިއަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ދިރާގުން ވަނީ 4،000 ދުވުންތެރިންނަށް ފުރުސަތު ހުޅުވާލައިފައެވެ. ކުރީ އަހަރުތަކުގައި ދުވުމުގައި ބައިވެރިވުމަށް ހުޅުވާލާ އަދަދަކީ 3،000 ދުވުންތެރިންނެވެ.
ދިރާގު ރޯޑްރޭހަކީ ކޮންމެ އަހަރަކުވެސް އިޖުތިމާއީ މައްސަލައެއް ތީމްއެއްގެ ގޮތުގައި ނަގައިގެން، މުޖުތަމުގައި އެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވަމުން އަންނަ ދުވުމެކެވެ.
އެގޮތުން ރޭހުގެ ބައިވެރިން އެ ރޭހަށް ގަންނަ ތަކެތިން ލިބޭ ސޭލްސް އަކީ ރާއްޖޭގެ އެކި ކަހަލަ ކަންތައްތަކުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ދާ ފައިސާއެވެ.
މިއަހަރުގެ ރޭހަށް ގަތް ތަކެތީގައި ފަސް ނޮން ޕްރޮފިޓް އޯގަނައިޒޭޝަން (އެންޖީއޯ) އަކަށް ވަނީ 80،000 ރުފިޔާގެ ޑޮނޭޝަން ލިބިފައެވެ. އަދި އިތުރު ފަސް އެންޖީއޯ އަކަށް ވަނީ 40،000 ރުފިޔާގެ ޑޮނޭޝަން އެއް ލިބިފައެވެ.
ދިރާގު ރޯޑް ރޭސް ބަހާލާފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން ވަނީ އަށް ބަޔަކަށް ބަހާލާފައެވެ. އެއީ އޯޕެން ފިރިހެން އަދި އަންހެން އާއި 45 އަހަރުން މަތީގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އާއި 13 އަހަރުން މަތީ އަންހެން އަދި ފިރިހެނެވެ.
ހުޅުމާލޭގައި ބޭއްވި އެ ދުވުން ނިންމާލުމަށްފަހު އެ ރޭހުގެ ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ އިނާމާއި މެޑަލް ހަވާލުކޮށްފައެވެ.