ޚަބަރު

އަދީބު ބަންދުގައި ބަހައްޓަން ރޭ ކޯޓުން އަމުރު ނުނެރުމުން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައިފި

އިބްރާހިމް ޒަކީ

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބަންދުގައި ބެހެއްޓުމަށް ރޭ ކޯޓު އަމުރު ނެރެފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އަދީބު ފުލުންގެ ބަންދުން ފިލައިގެންގޮސްފައި ވަނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނެސް ރޭ ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނުނެރުމުން، އެކަމުގެ ކަންބޮޑުވުން ފާޅުލުރައްވައި ބަހުސް ކުރުމަށް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެކެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އިލިޔާސް ލަބީބު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބަށް ކަމަށެވެ.

އޭގެ އިތުރުން ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ޖިނާއީ ކުށްތަކުގައިވެސް އަދީބަށް ތުހުމަތު ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އިލިޔާސް ލަބީބު ވިދާޅުވީ، އަދީބުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން 33 އަހަރު ބަންދުގައި ބަހައްޓަން މީގެކުރިން ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި އެ ހުކުމްތައް ޝަރުއީ މަރުހަލާގެ ތެރެއިން ބާތިލް ކުރެވިފައިވީ ނަމަވެސް، ކޯޓުތަކާއި ފުލުހުންނާއި އޭސީސީގެ ތެރޭގައި އޭނާގެ މައްސަލަތަކެއް ހިންގަމުން ދިއުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުގައި އެދިފައެވެ.

ނަމަވެސް ދެމަސް ދުވަސް ވީއިރުވެއް ސުޕްރީމް ކޯޓަށް އެ މައްސަލައިގައި ގޮތެއް ނުނިންމުމުގެ ނަތީޖާއަކަށްވީ، އޭނާ ފިއްލެވުން ކަމަށްވެސް ވިދާޅުވިއެވެ.

އިލިޔާސް ލަބީބު ވިދާޅުވީ، އަދީބު ފިއްލަވަން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނަސް ބަންދުގައި ބަހައްޓަން ރޭ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ބުނެ އަދީބު ކޯޓުން ދޫކޮށްލުމަކީ، ދިވެހި ރާއްޖޭގެ ރައްޔިތުންނާއި މަޖިލިސް މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ދައުލަތުގެ މާލިއްޔަތުން، ރައްޔިތުންގެ ފައިސާއަށް 1.3 ބިލިޔަން ރުފިޔާގެ ހިޔާނާތް ވެފައިވާ ފަރާތެއް މިނިިވަން ކަމާއެކީ ދޫކޮށްލާފައި ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށްވާތީ، އެކަމުގެ ކަންބޮޑުވުންތަކާއެކު، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނަސް، އެންމެ އިސްކެއްދޭ ކަމެއްގެ ގޮތުގައި އެކަން ބެލުމަށްވެސް މި މައްސަލައިގައި އިލިޔާސް ލަބީބު ވަނީ ގޮވާލައްވައިފައެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނިވަޑައިގަންނަވާތޯ، ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެން ބަހުސް ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ޓަގް ބޯޓުގައި ފިލައިގެން ދިއުމުން އަދީބު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި އެއީ ގާނޫނާ ހިލާފު ހައްޔަރެއް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ރޭ ދަންވަރު ކޯޓުން ފުރަތަމަ އަމުރެއް ނުނެރެދިނެވެ.

އެހެން ނަމަވެސް ގ. ހުމަށި ގައި ހުންނަވަނިކޮށް ރޭ ފަތިހު 5:30 ގައި އަދީބު އަލުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން، ފުލުހުން ވަނީ ދޫނިދު އަށް ރޭ ފަތިހު ދޫނިދު އަށް ގެންގޮސްފައެވެ.