ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސީޝެލްސްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފޯރގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އެއްބާރުލުންދިނުމުގެ މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ. އެއްބަސްވުންތައް ވެވުނު ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި، ނޫ އިގުތިސޯދުގެ ދާއިރާއާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ކުޅިވަރުގެ ދާއިރާއާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއާއި ޔޫތު ޑިވެލޮޕްމަންޓް ދާއިރާ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މެރިޓައިމް ދާއިރާއިން ސީޝެލްސްގައި މަތީ ތައުލީމު ހާސިލުކުރުމަށް ހަތަރު ސްކޯލަޝިޕްގެ ފުރުސަތު ރާއްޖެއަށް ދެއްވާނެކަންވެސް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ސަރުކާރާއެކު ކުޅިވަރުގެ ދާއިރާއިން ވެވުނު އެއްބަސްވުމަކީ އެ ދާއިރާއިން ރާއްޖެއަށް ފަހި ފުރުސަތުތަކެއް ފަހިވެގެންދާނެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކުޅިވަރުގެ ތަޖުރިބާކާރު ފަންނުވެރިންނާއި ކުޅިވަރުގެ ސިޔާސަތު އެކަށައެޅުމުގެ ތަޖުރިބާކާރު ފަރާތްތަކާއި ކޯޗުންގެ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން ފަދަ ކަންކަން ހިމެނުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބިގެންދާ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސީޝެލްސް އަށް ފުރާ ވަޑައިގަތީ މިމަހުގެ 1 ވަނަ ދުވަހުއެވެ.