ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިފެހެއްޓި އަދީބު ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ ބަންދުގެ މުއްދަތު ޖެހުމަށް މިރޭ ކްރިމިނަލް ކޯޓަށް އޭނާ ހާޒިރުކުރުމުންނެވެ. މިރޭގެ މުއްދަތު މަޖިލީހުގައި އެ އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންއެވެ.
ފުލުހުން އަދީބު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ބަންދުގެ މަޖިލީހުގައި ވަނީ ބުނެފައެވެ. ނަމަވެސް އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށާއި އަދީބު ދަތުރުކުރި ކަނޑު ބޯޓަކީ ބޭރު ގައުމެއްގެ ކަނޑު ބޯޓަކަށް ވެފައި، ހައްޔަރުކުރީ ވެސް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވާތީ ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ނުހިނގާނެ ކަމަށް އަދީބު ދޫކޮށްލުމަށް ނެރުނު އަމުރުގައި ބުނެފައިވެއެވެ.
އެ އަމުރުގައި ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮތް އުޅަނދެއް ކަމުގައިވިޔަސް، އެ އުޅަނދަކީ ރާއްޖޭގެ އުޅަނދަކަށްވީ ނަމަ، އަދީބު ހައްޔަރުކުރުމަށް ނެރުނު ކޯޓު އަމުރު ބަލައިގަނެވޭނެއެވެ.
ދިވެހި ފުލުހުން އަދީބު ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރީންނެވެ. އަދީބު ފިލައިގެން ރާއްޖެއިން ބޭރުގެ ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ފުލުހުން އަދީބު ހައްޔަރުކުރީ ޓުއްޓިކުރިންގެ ބަނދަރުން މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭރުއްސުރެ އަދީބު ހުންނެވީ އެ ޓަގު ބޯޓުގައެވެ.
އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައި ވަނިކޮށް، އޭނާއަށް ހިމާޔަތް ނުދޭން ނިންމައި، އަލުން އަނބުރާ އެ ޓަގު ބޯޓުން އިންޑިއާ އިން ވަނީ އަދީބު ފޮނުވާލައިފައެވެ. އިއްޔެ ދިވެހި ފުލުހުން އޭނާ ހައްޔަރުކޮށް ރާއްޖެ ގެންނަ ކަމަށް ވެސް ދިވެހި ފުލުހުން ވަނީ ބުނެފައެވެ.
އަދީބު ރާއްޖޭގެ ފުލުހުންނާ ހަވާލުކުރީ އިންޓަނޭޝަނަލް މެރިޓައިމް ބޯޑަރ ލައިންއާ ހަމައަށް ގެންދިއުމަށްފަހު ކަމަށް އިންޑިއާގެ ނޫސްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދީބު ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް ހުށަހަޅާނެ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވެސް ބުނެފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އަދީބު މާލެ ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ބަންދުގެ މުއްދަތު ޖެހުމަށް އަދީބު ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން ބިލްޑިންގަށް ހާޒިރުކުރުމަށްފަހުއެވެ.