ގިނަ ދައުވާތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު މިނިވަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ފަލާހު ވިދާޅުވީ އަދީބު މިނިވަން ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
އޭނާ ވިދާޅުވީ އަދީބަށް ހަމަހަމަ ކަމާއެކު އިންސާފު ލިބެން ޖެހޭ ކަމަށެވެ.
އަދީބުގެ ސިއްހީ ހާލު ގޯސްވުމާ ގުޅިގެން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރެއްވުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ އާއިލާއިން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އަދީބު ދޫކޮށްލެވުމަށް އެދި އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އަދީބު ދޫކޮށްލެވުމަށް ކަރެކްޝަނަލް ސާވިސް އަށް އެންގުމަށެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުއްވުމަށް އެދި ސިޔާސީ ފަރާތްތަކުން ވަނީ މީގެކުރީންވެސް ގޮވާލާފައެވެ. ނަމަވެސް އެކަމާ ގުޅިގެން ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ރިލްވާންގެ އައިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާއި އަދީބާ ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވި މައުލޫމާތުން އެނގޭ ކަމަށެވެ.
އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.