ޚަބަރު

އައްޑޫގައި ފެންބޮޑުވެ ގިނަ ގެތަކަކަށް ގެއްލުން ވެއްޖެ

އަހުމަދު ޖައިޝަން

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުން ވެއްޖެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވިދާޅުވީ ރޭ ދަންވަރުން ފެށިގެން އައްޑޫ ސިޓީއަށް ވިއްސާރަކޮށްފައިވާ ކަމަށެވެ. މިވަގުތު ވާރޭ ނުވެހުނު ނަމަވެސް އަދިވެސް އައްޑޫސިޓީ ސަރަހައްދަށް ވިއްސާރަ ކަމަށް ޔަސްރިފް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއިން އެކަނިވެސް 40 އެއްހާ ގެއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.

"ގޭގޭތަކަށް ފެންވަނުމުގެ ސަބަބުން ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި،" އޭނާ ވިދާޅުވިއެވެ.

ވިއްސާރައާ ގުޅިގެން މުޅި އައްޑޫ ސިޓީއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ދަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމުގައި އެމްއެންޑީއެފް އިންނާއި ރަށުގެ އަމިއްލަ ފަރާތްތަކުންވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.