ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވުމަކީ ފުލުހުންގެ މުއައްސަސާ ފެއިލްވުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، އަދީބު ފިއްލެވުމުގައި ފުލުހުންގެ ކޮންމެވެސް ވަރެއްގެ އިހުމާލެއް އޮތް ނަމަވެސް އެއީ ފުލުހުންގެ އިންޓެލިޖެންސް އެއްކޮށް ފެއިލްވެގެން ދިއުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
އަދި ދުނިޔޭގައި އޮތް އެންމެ އިންޓެލިޖެންސް ވަރުގަދަ އެމެރިކާގެ އެންމެ ބޮޑު އެއް ޓެރަރިސްޓް، އުސާމާ ބިންލާދިން އެގައުމަށް ނުހޯދި ގިނަ އަހަރުތަކެއް ވެގެންދިޔަކަން ފާހަގަކުރައްވާ ޝަރީފު ވަނީ ރާއްޖޭގެ ރަށްތައް އޮތް ގޮތުން ކުށްވެރިއަކަށް ފިލައިގެން ދިއުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"ދިވެހިރާއްޖޭގެ ޖިއޮގްރަފީ އޮތް ގޮތުންނާ، ދިވެހިރާއްޖެ ތަބީއީ ގޮތުން އުފެދިފައި އޮތް ގޮތުން، މީހަކު ބަންދެއްގައި ނެތް ހާލަތެއްގައި ފިލައިގެން ދިއުމަކީ ކުރެވިދާނެ ކަމެއް. ކިތަންމެ އިންޓެލިޖެންސް ވަރުގަދަޔަސް، އަދި ކިތަންމެ ފުލުހުން ފާރަވެރިވެގެން ތިބި ކަމަށް ވިޔަސް އެއީ ކުރެވިދާނެ ކަމެއް" ޝަރީފު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން އަދީބު ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ރާއްޖޭގައި އަދީބަށް ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުން އެމަނިކުފާނަށް ހިމާޔަތް ނުދީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ. އަދި މިރޭގެ ވަގުތެއްގައި އަދީބު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސްފައެވެ.