ޚަބަރު

އަދީބު ރާއްޖެ ގެނެސްފި، ގެނައީ އެމްއެންޑީއެފް މަނަވަރު ހުރަވީގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ރާއްޖެ ގެނެސްފިއެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މަނަވަރު ހުރަވީގައެވެ.

އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓުތަކުން ދައްކާގޮތުން، ހުރަވީ މަނަވަރު މިހާރު ވަނީ ރާއްޖެ ސަރަހައްދަށް ވަދެފައެވެ. އަދި މިހާރު މަނަވަރު މާލެ އަތޮޅު ތުލުސްދޫ ކައިރިން ދަތުރު ކުރަމުންދާއިރު، އަދީބު ގެންދަނީ އަދި ކޮންތަނަކަށް ކަމެއް ނޭނގެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވެސް މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ އަދީބު ގެންދަނީ ކޮން ތަނަކަށް ކަމެއް އަދި މާލެ ގެންނަނަމަ، މަނަވަރަށް މާލެ ކައިރި ކުރެވޭނީ ކިހާ އިރަކު ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސަލާމަތީ ބާރުތަކުން އަދީބު ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަދީބު ހިފެހެއްޓުމާއެކު އޭނާގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ރާއްޖޭގައި އަދީބަށް ނުރައްކާ އޮތްކަމަށް ބުނެ، އިންޑިއާގެ ހިމާޔަތަށް އެދިފައެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އެގައުމުން އެމަނިކުފާނަށް ހިމާޔަތް ނުދީ، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.

އިންޑިއާގެ ނޫހަކުން ބުނާގޮތުގައި، އަދީބު ރާއްޖެއާ ހަވާލުކުރީ އޭނާ ހުންނެވި ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، އަދީބު ރާއްޖެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ މަނަވަރު ހުރަވީ ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ. އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓުތަކުން ދައްކާގޮތުން ހުރަވީ މަނަވަރު އިއްޔެ އޮތީ އަދީބު ހިފެހެއްޓި ޓުޓިކޮރިން ކައިރީގައެވެ.