ފުލުހުންނާ ހަވާލުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ރާއްޖެ ގެންނަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޓެންޝަނަށް ހުށަހަޅާނެ ކަމަށް އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބުނެފިއެވެެ.
ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ އަދީބު، ހިލަބަރުކޮށްގެން ރާއްޖެއައި "ވާގޯ 9" ކިޔާ ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވަން އުޅެނިކޮށް އިންޑިއާގެ ޓަމިލް ނާޑޫގެ ޓުޓިކޮރިން ކައިރިން ވަނީ ހިފަހައްޓައިފައެވެ. އޭރު ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. އަދީބު ފިއްލަވާފައިވަނީ ރާއްޖޭގައި އެމަނިކުފާނަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެ، އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގަތުމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެމަނިކުފާނު ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައެވެ. ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން، އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފައިވަނިކޮށް ބައިނަލްއަގްވާމީ އަދި އިންޑިއާގެ ގާނޫނުތަކާ ހިލާފަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ އަދީބު ހަވާލުކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އަދި އަދި އިންޑިއާއިން އަދީބު ހައްޔަރުކޮށްފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް އިންޑިއާއިން ބުނި ނަމަވެސް، އެކަން ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ. އެގޮތުން އަދީބު ހިފެހެއްޓިއިރު، އޭނާ ހުންނެވި ޓަގު ބޯޓު އޮތީ ޓުޓިކޮރިން ބަނދަރާ 500 މޭލު ދުރުގައިކަން ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ލޯޔަރަކާ ނުލައި، ގާނޫނުތަކާ ހިލާފަށް އަދީބު ހައްޔަރުކޮށްފައިވާ މައްސަލާ ގުޅިގެން އދ.ގެ ވޯކިން ގުރޫޕް އޮފް އާބިޓަޝަރީ ޑިޓެންޝަނަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށެވެ. އަދި އަދީބުގެ ހައްގުތައް ހިމާޔަތް ކުރުމަށް އދ. ގެ ހައި ކޮމިޝަން އޮފް ހިއުމަން ރައިޓްސްގައި ކަށަވަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.
އަދީބު އިންޑިއާއިން ހިފެހެއްޓިކަން މީޑިއާތަކަށް އެނގުނީ އެކަން އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އަދި މިއަދާ ހަމައަށް ވެސް ކަމާބެހޭ އިދާރާތަކުން އެކަމުގައި ސީދާ އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އަދީބު ފިއްލަވާފައިވަނީ ޅ. މާބިންހުރާ މައްސަލައިގައި އޭނާ ހައްޔަރުކޮށްދިނުމުގެ އަމުރަކަށް، ޖޫން މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވަނިކޮށް ކަމަށެވެ. އެ އަމުރު ނެރެދެއްވިނަމަ އަދީބަށް ފިލާވަޑައިނުގެންނެވުނީސް ކަމަށް ވެސް ޕީޖީ ބިޝާމް ވިދާޅުވެފައިވެއެވެ.
ޅ.މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންސުން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފު މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން އަދީބުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީން އެދިވަޑައިގަތެވެ.
ޕީޖީން އެ ދެ އަމުރު ނެރެދޭން ސުޕްރީމް ކޯޓުގައި އެދުނުނަމަވެސް، އެ ކޯޓުން ނެރެދިނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ
ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އަދީބު އަނބުރާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ދިރިއުޅުއްވާ ގ. ހުމަށިއަށް ރޭގެ ވަގުތެއްގައި ފުލުހުން ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ.