ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެމެރިކާގައި ދިން ބަޑީގެ ހަމަލާއާ ގުޅިގެން ޝާހިދު ތައުޒިޔާ ފޮނުއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސްގައި ދިން ބަޑީގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޮހާޔޯ އަދި ޓެކްސަސް ސްޓޭޓްގައި ދިން ބަޑީގެ ތަފާތު ދެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗަރޑް ޕޮމްޕެއޯއަށް މިނިސްޓަރު ޝާހިދުގެ ފޮނުއްވި މެސެޖްގައި ވިދާޅުވީ، ކުށެއް ނެތް އާންމުންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވި މި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ.

މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި މި ހާދިސާގައި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދުގެ މެސެޖުގައި ވިދާޅުވިއެވެ.

އެމެރިކާގެ ޓެކްސަސްގެ އެލްޕާސޯގެ ވޯލްމާޓްގައި ރޭ ދިން ބަޑީގެ ހަމަލާގައި 20 މީހުން މަރުވެ 26 މީހުން ވަނީ ޒަހަމްވެފައެވެ. ބަޑި ހިފައިގެން ހުރި އާންމުންގެ މީހަކު މި ހާދިސާ ހިންގާފައި ވަނީ ވޯލްމާޓް ސްޓޯރުގައެވެ.

މި ހާދިސާއާ ގުޅިގެން އެލްޕާސޯގެ ފުލުހުން ވަނީ 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އެމެރިކާގެ ނޫސްތަކުގައިވާ ގޮތުން އެމީހާގެ ނަމަކީ ޕެޓްރިކް ކްރޫސިއަސްއެވެ.