ވިޔަފާރި ކުންފުނިތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމެރިކާގެ ބިޒްނަސް އެވޯޑްސް އެސޯސިއޭޝަން އިން ދެމުން އަންނަ ސްޓީވީ އެވޯޑުން "އިނޮވޭޓިވް" ކުންފުނީގެ އެވޯޑެއް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
ސްޓީވީ އެވޯޑް ދެމުން އަންނަނީ ތިން ދަރަޖައަކަށް ބަހާލައިގެންނެވެ. އެގޮތުން ގޯލްޑް، ސިލްވަރ އަދި ބްރޮންޒް އެވޯޑް ކޮންމެ ދާއިރާއަކުން ލިބޭނެއެވެ.
އެންމެ އިނޮވޭޓިވް ކުންފުނީގެ ކެޓަގަރީއިން އުރީދޫ މޯލްޑިވްސްއަށް ވަނީ ބްރޮންޒް އެވޯޑް އެއް ލިބިފައެވެ. އެ އެވޯޑް އުރީދޫއަށް ޖެހިޖެހިގެން ލިބުނު އެއީ ދެވަނަ ފަހަރެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކުންފުނީގެ އިނޮވޭޝަންގެ އަގު ވަޒަންކޮށް އެކަމަށް އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އިނޮވޭޓިވް މަސައްކަތްތައް ކުރުމުގެ ފަހަތުގައި ވަނީވެސް ކަސްޓަމަރުންނަށް ފަސޭހަ މަގުތައް ފަހިކޮށްދިނުމަށްޓަކައި،" ނަޖީބް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ވަނީ ދެ އެވޯޑެއް ލިބިފައެވެ. އެއީ އިނޮވޭޓިވް ކުންފުނީގެ އިތުރުން މޮޅު އާ ޕްރޮޑަކްޓެއް ތައާރަފުކުރި ކުންފުނީގެ އެވޯޑެވެ. އުރީދޫއަށް އެ އެވޯޑް ލިބިފައިވަނީ އެކުންފުނިން ރާއްޖޭގައި ތައާރަފުކޮށްފައިވާ "އެމް-ފައިސާ"އަށެވެ.
އުރީދޫގެ އެމް-ފައިސާއަކީ މޯބައިލް ވޮލެޓް އެކެވެ. އެ ހިދުމަތުގެ އެހީގައި ސްމާޓްފޯން ބޭނުންކޮށްގެން ވިޔަފާރީގެ ޓްރާންސެކްޝަންސްތައް ކުރިއަށް ގެންދެވޭނެއެވެ.
މިއަހަރުގެ ސްޓީވީ އެވޯޑްސް ހަފްލާގައި އުރީދޫ ގްރޫޕަށް ޖުމްލަ ހަތަރު ގޯލްޑް އެވޯޑާއި ހަތް ސިލްވަރ އެވޯޑް އަދި ހަތަރު ބްރޮންޒް އެވޯޑް ވަނީ ލިބިފައެވެ.