ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރަމުންދާ، މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާގައި، ތަފްސީލީ އެންމެ ނުކުތާއަކުން ރައީސް ޔާމީން ކުށުން ބަރީއަވެދާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފައެވެ.
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާގޮތާބެހޭގޮތުން، މިއަދު ކުރެއްވި ޓްވީޓެއްގައި މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ރައީސް ޔާމީންގެ މައްޗަށް ދައުވާ ބިނާކޮށްފައިވަނީ، އަމާ ބުނީތީ ފަރަށްދާގޮތަށް ކަމަށެވެ.
އަދި ދިފާއީ ބައެއް ހެކިތަކަށް ޒިންމާދާރު ކަމެއްނެތި ޕީޖީ އިއުތިރާފްވަމުންދާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގައި ދެފަރާތައް ހަމަ ހަމަ ފުރުސަތު ލިބުނުކަމަށެވެ.
މިއަދު ބޭއްވީ، ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑާ ކުުރުމުގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުމެވެ.
މިއަދުގެ ޝަރީއަތުގައި އޮތީ ހެކިން ހުށަހެޅުމެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ދެ ފަރާތުންވެސް ބައެއް ކިތާބީ ހެތްކާއި ޝަފައީ ހެކިން ހުށަހެޅުއްވިއެވެ.
މިއަދުގެ އަޑުއެހުމުގައި ޝަފައީ ހެތްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި، އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ވަނީ ނަގައިފައެވެ.