މާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އޭނާއަށް އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ވެސް ވަނީ އެކަން "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީހަކު ރަހީނުކޮށްގެން ގެންގުޅެ، އެ މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދެ މީހަކު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ދެ ޒުވާނަކު ވެގެން ރަހީނު ކޮށްގެން ގެންގުޅެފައިވަނީ މެދު އުމުރުގެ މީހެކެވެ. ނަމަވެސް އުމުރެއް އަދި ސާފެއް ނުވެއެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ބިސްބުރު ސަރަހައްދުގައި ހުރި ގެއެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.