ޓެކްސީގެ މައްސަލަތައް

ފައިސާ ނެތިއްޔާ ޓެކްސީއަށް ނާރާ، ޑްރައިވަރުން ދަތުރު ކޮށްދޭނީ ބޮޑު އަގުގައި: ސެންޓަރުތައް

ޝަހީދާ އަބްދުﷲ ސައީދު

14

ބުރިޖު ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތައް ކޮށްދެވޭނީ އެންމެ ކުޑަވެގެން ވެސް 100 ރުފިޔާއަށް ކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހުސްވި ހަފްތާގައިވަނީ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތައް ކަނޑައަޅައިފައެވެ. އެގޮތުން ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށާޢި ޓެކްސީގެ ޑިިކީއަށް އަރުވާ ދާގީނާއަކަށް ވެސް އިތުރު އަގެއް ނެގުން ވަނީ މަނާކޮށްފަ އެވެ. އަގުތައް ކަނޑައަޅާފައިވަނީ މިނިސްޓްރީން ބުނިގޮތުގައި ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން ޑްރައިވަރުންނާއި އާއްމުންނާ މަޝްވަރާ ކުރުމަށްފަހުއެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި އެ އަގުތަކާ އެއްގޮތަށް ޑްރައިވަރުންނަށް ދަތުރުކޮށްދެވެން ނެތް ކަމަށް ބުނެ އަންނަ ބުދަ ދުވަހު މާލޭގައި އިހުތިޖާޖު ކުރުމަށް ޑްރައިވަރުން ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން މާލޭގައި އެންމެ ގިނަ ދުވަސްވީ ޓެކްސީ ސެންޓަރު ކަމަށްވާ ޑަޔަލް ޓެކްސީ (3323132) ގެ އޮޕަރޭޓަރު ''ވަންއޮންލައިން''އަށް ބުނީ، ޓެކްސީ ދަތުރުތަކަށް ކަނޑައެޅި އަގުތަކާ އެއްގޮތަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އަދި ބުރިޖު ހުރަސްކޮށް ކުރާ ދަތުރެއް އެންމެ ކުޑަކޮށް ކޮށްދެވޭނީ 100 ރުފިޔާއަށް ކަމަށް ޑްރައިވަރުން ބުނާ ކަމަށެވެ. އަދި ސެންޓަރުން އެގޮތަށް އެދުނު ނަމަވެސް ޑްރައިވަރުން ދަތުރު ކުރާނީ ހަމައެކަނި މާލޭގެ ދަތުރުތައް އެކަނިކަމަށް އޮޕަރޭޓަރު ބުންޏެވެ.

މާލޭގައި އޮޕަރޭޓްކުރާ 3321313 ގެ އޮޕަރޭޓަރު ވެސް ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ހެދި ގަވައިދުގެ ދަށުން ޓެކްސީގެ އަގުތައް ކަނޑައެޅިއިރު، އެ އަގުތަކަކީ ޑްރައިވަރުން ގަބޫލުކުރާ އަގުތަކެއް ނޫން ކަމަށެވެ. އެ އުސޫލަށް ސެންޓަރުން އަމަލުކުރި ނަމަވެސް ޑްރައިވަރުން އެ އުސޫލަށް އަމަލު ނުކުރާނެ ކަމަށާއި ބުރިޖު ހުރަސްކޮށް ކުރާ ދަތުރުތައް ކޮށް ދިނުމާއި ނުދިނުމަކީ ޑްރައިވަރުންގެ ކަމެއް ކަމަށެވެ.

އަދި ބުނީ، ޓެކްސީގައި ދަތުރުކުރާނެ ފައިސާ ނެތް މީހުން ފެރީއާއި ބަހުގައި ދަތުރު ކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ނަމަވެސް ނިވް ޓެކްސީ (5757) ސެންޓަރުގެ އޮޕަރޭޓަރު ބުނީ ސަރުކާރުން ކަނޑައެޅި އަގުތަކާ މެދު ހިތްހަމަޖެހޭ އެ އަގުތަކުގައި އެ ސެންޓަރުގެ ދަތުރުތައް ކުރާނެ ކަމަށެވެ. ނަމަވެސް އެ ސެންޓަރުގެ ބައެއް ޑްރައިވަރުންގެ ކަންބޮޑުވުންތައް ހުރިކަން ވެސް އޭނާ ފާހަގަކުރިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ގަވައިދުގައިވާ ގޮތުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ. އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. އަދި ދަތުރުތަކަށް ޓެކްސީ އެޕްލިކޭޝަން ބޭނުން ކުރަން އަންގާފައިވާއިރު އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

ނަމަވެސް ވަން އޮންލައިންއާ ވާހަކަދެއްކި ތިން ސެންޓަރުގެ އޮޕަރޭޓަރުން ވެސް ވަނީ އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރެވޭ ގޮތަށް އޮތް އޮތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޑްރައިވަރުންނަކީ މެޑިކަލް ޓެސްޓްތަކުން ފާސްވެގެން ވަކި އުސޫލެއްގެ ދަށުން ޓެކްސީކުރާ ބަޔަކަށްވާއިރު، މެޑިކަލް ޓެސްޓްތައް ނަހަދައި އާންމު ފަރާތްތަކަށް ދަތުރުކުރެވޭ ގޮތަށް އޮތުމަކީ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށް ސެންޓަރުތަކުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟