ޚަބަރު

ކޮމަންޑޫ އާއި މާބައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

ށ. ކޮމަންޑޫ އަދި ލ. މާބައިދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 12 މީޓަރުގެ ބޭރުތޮއްޓެއް ޖެހުން، 20 މީޓަރ ރިވެޓްމެންޓް ޖެހުން، 190 މީޓަރުގެ އެއްގަމުތޮށި ހެދުން، ބަނދަރުގައި 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުން، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓް ހެދުން، ބަނދަރު ފުންކުރުން، ބަނދަރު ނެރު ފުންކުރުން، ދެ ނެރު ބައްތި ޖެހުން، ބަނދަރު ސަރަހައްދުގައި 19 ލައިޓް ޖެހުމާއި 10 މޫރިން ބްލޮކް ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 29،412،392.94 ރުފިޔާއަށް ބަޖެޓުކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މާބައިދޫގެ މަޝްރޫއު ހަވާލުކުރީ 16،420،153.78 ރުފިޔާއަށެވެ. އެގޮތުން 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރެވުނު އިރު، އެ މަޝްރޫއުގެ ދަށުން 74 މީޓަރުގެ ރިވެޓްމަންޓް ޖަހައި 204 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރު ޖަހައި ބަނދަރު ނެރު ފުން ކުރުމުގެ އިތުރުން ދެ ނެރު ބައްތި ވެސް ޖެހުމަށް ވަނީ ނިންމާފައެވެ.

މިކަމަށް ބޭއްވި ރަސަމިއްޔާތުގައި، ކޮންޓުރެކްޓުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ޓްރާންސްޕޯޓް އެންޑް ކޮނަޓްރެކްޓިންގް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު ހުސައިން މޫސާއެވެ.